ޚަބަރު

2018 އަންނައިރު ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގެ ނަތީޖާ ފެންނާނެ


2018 އާ ހަމައަށް އަންނައިރު، ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ފަށްޓަވާފައިވާ ހުރިހާ އިޤްތިޞާދީ ޕްރޮގްރާމްތަކުގެ ނަތީޖާ ފެނިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ، ރައީސް ޔާމީން 2018 ކެމްޕެއިން ލީޑަރުން ތަމްރީނުކުރުމުކުރުމަށް ބ. އަތޮޅުގައި ބޭއްވި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕިޕީއެމް ކެމްޕޭން ލީޑަރުން ތަމްރީނުކުރުމަށް ބ.އަތޮޅުގައި ބޭއްވީ އެއަތޮޅުގެ މީހުން ދިރިއުޅޭ ތޭރަ ރަށަށް އަމާޒުކޮށް، މިމަހާސިންތާ ނިންމެވުމުގެ ގޮތުން އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުވަނީ، ރައީސް ޔާމީންގެ ދުރުވިސްނުންފުޅާއި، ހިންގުންތެރިކަމުގެ ދަށުން މީގެ ކުރީންވެސް ސަރުކާރު ހިއްސާވާ އެތަށް ކުންފުންނެއް ކޮޅަށް ޖެއްސެވިކަން ފާހަގަކުރައްވާފައެވެ.

ޢަބްދުﷲ ޔާމީނު ރާއްޖެއަށް އެކި ރޮނގު ރޮނގުން ގެންނަވާ ބަދަލުތަކަށް އިޝާރާތް ކުރައްވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ 2018 ވަނަ އަހަރުގެ ފަހުންވެސް  ރާއްޖޭގެ ގާނޫނީ ޙުކޫމަތު ދެމެހެއްޓޭނެ ވެރިއެއްކަމަށް ވިދާޅުވެފައެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނާޖީ ތޯރިގް އިބްރާހީމު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރެއްގައި ތަރައްގީގެ ގޮތުންނާއި އިންސާނީ ވަޞީލަތުގެ ރޮނގުން  ރާއްޖެ ތަރައްގީ ކުރައްވާނެކަމުގެ ވާހަކަތައް ދައްކާފައިވީނަމަވެސް އެކަން ފެނިގެން ގޮސްފައި ނުވާކަމަށާއި، އެފަދަކަން ކަން ހަގީގަތަށް ހެއްދވޭނެ ޤާބިލު ކަން ރައީސް ޔާމީނަށްލިބިވަޑައިގެންފައިވާކަމަށެވެ.

ބ. އަތޮޅުގެ ރަށްރަށަށް ސަރުކާރުން ވޭތުވެދިޔަ ދެއަހަރު ދުވަހގެ ތެރޭގައި އެކި ދާއިރާތަކުން ގެންނެވި އުމްރާނީ ތަރައްގީއާއި މިހާރު ކުރިއަށްދާ ބައެއް މަޝްރޫއުތަކާއި ގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއް މިޖަލްސާގައި ހުށައަޅުއްވާފައެވެ. މި ޕްރެޒެންޓޭޝަނުގައި އެއަތޮޅުގެ ކޮންމެ ރަށެއްގައިވެސް ތަފާތު ގިނަ މްޝްރޫއުތަށް ހިންގައި މިހާރުވެސް ހުއްޓުމެއްނެތި ކުރެވެމުންދާކަން ވާނީ ފާހަގަކޮށްފައެވެ.

މިޖަލްސާގައި ވާހަކަފުޅު ދެއްކެވި ޕީ.ޕީ.އެމްގެ ނައިބުރައީސް، ފުނަދޫ ދާއިރާގެ މެންބަރު އަބްދުއްރައީމް އަބްދުﷲ އާއި، ހޯރަފުށީ ދާއިރާގެ މެންބަރު  އަޙްމަދު ސަލީމް ވަނީ، ރައީސުލް ޖުމުހޫރިއްޔާގެ އަންބިކަންބަލުން ފާތިމަތު އިބުރާހީމްގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ކެމްޕެއިން ލީޑަރުން ތަމްރީނު ޕްރޮގްރާމަކީ އިންތިޚާބުތަކަށް ކެމްޕެއިން ކުރާއިރު އަތޮޅުތަކުގައި ފަސޭހަކަމާއެކު  އެމަސައްކަތް ކުރެވޭނެ މުހިންމު ކަމުގެ މައްޗަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކާވާފައެވެ. އަދި އެކަމަނާ ކުރައްވާ މި މަސައްކަތްޕުޅު  ކުރެއްވިޔަ ނުދިނުމަށް ބައެއް ފަރާތްތަކުން ކުރައްވާ މަސައްކަތް ހުއްޓާލެއްވުމަށް އެ މެންބަރުންވަނީ ގޮވާލައްވާފައެވެ.