ޚަބަރު

އިނިގރޭސިވިލާތުން ޔޫކްރޭނަށް ފޮނުވާ ދެ އަސްކަރީ މަނަވަރު ތުރުކީވިލާތުން ހުއްޓުވައިފި


ތުރުކީވިލާތުން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާއަކާ ޚިލާފުވާނެ ކަމަށް ބުނެ އިނގިރޭސިވިލާތުން ޔޫކްރޭނަށް ފޮނުވާ ދެ މަނަވަރު ހުއްޓުވައިފިއެވެ.

ރަޝިޔާއާއި ޔުކްރޭނާއި ދެމެދު ކުރަމުންދާ ހަނގުރާމައިގައި ޔޫކްރޭންގެ ކަނޑުގެ އަސްކަރީ ޙަރަކާތްތައް ހަރުދަނާ ކުރުމަށް އެހީތެރިވުމަށް މައިން ހޯދާ ދެ މަނަވަރު ޔޫކްރެއިންނަށް ފޮނުވާނެ ކަމަށް އިނގިރޭސިވިލާތުން ވަނީ ނިންމައިފައެވެ.

ރަޝިޔާއާއި ޔޫކްރެއިނަށް ވެސް ދަތުރުކުރުމަށް ބޭނުންކުރާ ކަޅު ކަނޑަށް ވަދެ ނުކުތުމަށް ދުނިޔޭގެ ހުރިހާ ޤައުމެއްގެ އުޅަނދުތަކަކުން ވެސް ބޭނުން ކުރަން ޖެހެނީ ތުރުކީވިލާތުގެ އިސްތަންބޫލްގެ ބޯސްފަރަސް ކަނޑުއޮޅިއެވެ. އެ ކަނޑުއޮޅިއަކީ ކަޅު ކަނޑާ ގުޅިފައިވާ ހުރިހާ ޤައުމުތަކާއި ދުނިޔެއާ ގުޅުވައިދޭ ހަމަ އެކަނި މަގެވެ. އިނގިރޭސިވިލާތުން ފޮނުވާ އަސްކަރީ މަނަވަރުތައް ބޯސްފަރަސް ކަނޑުއޮޅި ހުރަސް ކުރަން ހުއްދަ ދީފިނަމަ، އެ ޤައުމުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާއަކާއި ޚިލާފު ވެވެނީ ކަމަށް ތުރުކީވިލާތުން ބުނެއެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިންނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ތުރުކީވިލާތުން ވަނީ 1936 ވަނަ އަހަރުގެ މޮންޓްރޫކްސް މުއާހަދާ އަލުން ތަންފީޒުކުރަން ފަށައި ހަނގުރާމަކުރާ ފަރާތްތަކުގެ އަސްކަރީ ބޯޓުތައް ތުރުކީވިލާތުގެ ކަނޑުއޮޅި ހުރަސް ކުރުން މަނާކޮށްފައެވެ. އެ މުއާހަދާގައިވާ ގޮތުން ހަނގުރާމައަކަށް ބޭނުން ކުރާ އެއްވެސް އުޅަނދެއް އެ ކަނޑުއޮޅި ހުރަސް ކުރަން ހުއްދަ ދިނުމަކީ މަނާކަމެކެވެ.

ހަނގުރާމަ ފެށުނު ފަހުން ރަޝިޔާއާއި ޔޫކްރޭނުން ވެސް ހަނގުރާމަމަތީ މަނަވަރުތައް ތުރުކީވިލާތުގެ ކަނޑުއޮޅިން ކަޅު ކަނޑަށް ފޮނުވުމުގެ ވިސްނުމެއް ހާމަކޮށްފައެއް ނުވެއެވެ. ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައިގައި ތުރުކީވިލާތުން އަންނަނީ ރަޝިޔާ އަދި ޔުކްރެއިނާ ވެސް ގާތްގުޅުމެއް ބާއްވަމުންނެވެ.