ޚަބަރު

ފުދުންތެރިކަން ނެތް ކޮންމެ މީހަކަށް މަހަކު 40 ރުފިޔާ


ފަޤީރު ޙާލުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން މާލީ ފުދުންތެރިކަން ނެތްކަމަށް ކަނޑައެޅުއްވި ޝަރުތަކަށް ފެތޭ ކޮންމެ މީހަކަށް މަހަކު 40 ރުފިޔާ ލިބޭގޮތަށް ޤަވާޢިދެއް އެންސްޕާއިން އެކުލަވާލައްވައި ޢާއްމުކޮށްފިއެވެ.

ފަޤީރު ޙާލުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާބެހޭ ޤާވާޢިދުގެ ނަމުގައި  އެންސްޕާއިން އެކުލަވާލާފައިވާ މި ޤަވާޢިދުގެ ދަށުން ދެވޭ އެހީގެ މިންވަރާއި އެހީ ދޭނެގޮތް ކަނޑައަޅާފައިވެއެވެ. އެހީއަށް އެދި ހުށަހަޅާ ގޭބިސީއަކަށް މަހެއްގެ މައްޗަށް ގިނަވެގެން ލިބިދެވޭނީ 240 ރުފިޔާއެވެ. އަދި އަހަރަކަށް، ގޭބިސީއަކަށް ގިނަވެގެން ދެވޭނީ 2880 ރުފިޔާއެވެ. އަދި މީލާދީ އަހަރެއްގެ ތެރޭގައި ގިނަވެގެން މީހަކަށް ދެވޭނީ  480 ރުފިޔާ ކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިއީ ފަޤީރު ޙާލަތުގެ ސަބަބުން ކާބޯތަކެތި ގަތުމަށް ދަތިވާ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ޙައްޤުވާ ފަރާތްތަކުގައި ހުންނަންވީ ޝަރުތުތައް ކަނޑައެޅުމާއި މި ޤާނޫނުގެ ދަށުން ކާބޯތަކެތި ގަތުމަށް މާލީ އެހީ ލިބޭ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއި އެފަރާތްތައް ބެލެހެއްޓުމާބެހޭ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދާނެ އުޞޫލުތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލާލާފައިވާ ޤަވާއިދެކެވެ.

މީގެ އިތުރުން އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޢިނާޔަތްތައް ދިނުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި އުޞޫލުތައް ކަނޑައެޅުމާއި، މިންވަރުތައް ކަނޑައެޅުން އަދި މި އެހީތައް ދިނުން މެދުކަނޑާލުމާއި ހުއްޓާލުމުގައި ގެންގުޅޭނެ އުޞޫލުތައް ކަނޑައެޅުން މި ޤަވާއިދުގައި ހިމެނެއެވެ. މި ޤަވާއިދުގެ ދަށުން އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ދަފްތަރު އެކުލަވާލުމާއި ދަފްތަރުގައި މީހުން ހިމެނުމުގައި ބަލާނެ ޝަރުތުތައް ބަޔާންކޮށްފައިވެއެވެ.

މި ޤަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ޙާލަތު ބަދަލުވެއްޖެނަމަ ނުވަތަ އެފަރާތުގައި ހުންނަންޖެހޭ ޝަރުޠެއް އުނިވެއްޖެނަމަ، އެހީ ލިބެމުންދާ ފަރާތުން އެކަން ފަނަރަ ދުވަހުގެ ތެރޭގައި އެންސްޕާއަށް އަންގަންވާނެ ކަމަށްވެސް މި ޤަވާއިދުގައިވެއެވެ.