ޚަބަރު

ކުޑަކުދިންގެ ޢަދްލުގެ ނިޒާމަށް 557 މީހުން ތަމްރީނު ކޮށްފި


ދައުލަތުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ކުޑަކުދިންގެ ޢަދްލުގެ ނިޒާމާގުޅޭ ތަމްރީން ދެއްވުމަށް ހިންގަވާ ޕްރޮގުރާމްގެ ދަށުން ފައްސަތޭކަ ފަންސާހަށްވުރެ ގިނަ މީހުން ތަމްރީންކުރައްވައިފިއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިންތިޒާމުކުރައްވައިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޖުވެނައިލް ކޯޓާއި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުގެ އެހީތެރިކަމާއި އެއްބާރުލެއްވުމާއެކު ކުރިއަށް ގެންދަވާ މިޕްރޮގްރާމްގެ 20 ވަނަ ތަމްރީނުތައް ރޭ ވަނީ ނިންމާލައްވާފައެވެ. މި ތަމްރީނުތައް ފުރިހަމަކުރި 29 ބައިވެރިންނާއެކު މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 557 މީހަކަށް ތަމްރީނު ދެވިފައިވާކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވިދާޅުވެއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ 20 ވަނަ ބައްދަލުވުން ބޭއްވެވީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައެވެ. މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ކުރިއަށް ގެންދެވި މިތަމްރީނުގައި ގއ. އަތޮޅުގައި ހުންނަ ގުޅުންހުރި މުއައްސަސާތަކުގެ އިސްބޭފުޅުންނާއި އަތޮޅުކައުންސިލް އަދި ރަށުކައުންސިލް އިދާރާއިންނާއި، ސްކޫލު މަދަރުސާތަކުންނާއި، ޖުވެނައިލް ކޯޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިތަމްރީނުގައި މަޢުލޫމާތުދެއްވީ ޖުވެނައިލް ކޯޓާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނާއި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އިސްވެރިންނާއި ފަންނީ ބޭފުޅުންނެވެ.

ރޭގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ ނާއިބު އަލްފާޟިލް އަޙްމަދު ޞިއްދީޤް ވިދާޅުވީ، ކުރިއަށް ވިސްނާވަޑައިގެން އަޅުއްވަމުން ގެންދަވާ މި ފިޔަވަޅުތަކުގެ ފުރިހަމަ ފައިދާ ފެންނަމުންދާކަމަށެވެ. އަދި މި މަސައްކަތްކީ 1979 ވަނަ އަހަރުން ފެށިގެން ދައުލަތުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ފަށްޓަވައިފައިވާ މަސައްކަތްތަކެއްކަން ޞިއްދީޤް ފާހަގަކުރެއްވިއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހިންގާ މި ޕްރޮގްރާމުތަކުގެ ނަތީޖާއަކީ، އަތޮޅުތެރޭގައި ތަމްރީނު ލިބިގެން ތިއްބެވި ފަރާތްތަކުން އިތުރު ޕްރޮގުރާމުތައް ހިންގަވައި، ޙަރަކާތް ފުޅާވެގެން ދިޔުންކަން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ޑިރެކްޓަރ ފާތިމަތު ރައުނާ ފާހަގަކުރެއްވިއެވެ. މިތަމްރީނުގައި ކުޑަކުދިންގެ ޢަދުލްއިންސާފު ހިންގުމުގައި އދ. ން ކަންޑައަޅާފައިވާ އެންމެ ދަށް މިންގަނޑާއި ކުޑަކުދިންގެ ޢަދުލު އިންސާފް ހިންގުމުގައި ކުދިން ޙިމާޔަތްކުރުމަށް އދ. ން ކަނޑައަޅާފައިވާ މިންގަނޑާއި ބަންދުގައި ތިބޭ ކުޑަކުދިންނާމެދު އަމަލުކުރުމުގައި އދ. ން ކަނޑައަޅާފައިވާ މިންގަޑާ ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ.