ޚަބަރު

ޖަޕާނުގައި ދެ މަތިންދާބޯޓު ޖެހި ފަސް މީހުން މަރުވެއްޖެ


ޖަޕާން އެއާލައިންސްގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓަކާއި ޖަޕާނުގެ އަސްކަރީ މަތިންދާބޯޓެއް ޖެހި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެއެވެ. އެ ހާދިސާ ހިނގާފައި ވަނީ ޖަޕާން އެއާލައިންސްގެ މަތިންދާބޯޓެއް ޓޯކްޔޯގެ ހަނޭދާ ވައިގެ ބަނދަރުގައި ޖެއްސުމަށް ފަހު ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. އެ މަތިންދާބޯޓު ޖެހިފައި ވަނީ ޖަޕާނުގެ ކޯސްޓްގާޑުގެ މަތިންދާބޯޓެއްގައެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ކޯސްޓްގާޑްގެ މަތިންދާބޯޓުގައި ތިބި ހަ ފަޅުވެރިންގެ ތެރެއިން ފަސް މީހެކެވެ. ދެ ބޯޓު ޖެހުމާ އެކު ފަސިންޖަރުން އުފުލާ މަތިންދާބޯޓުގައި ރޯވެ، ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ނަމަވެސް، ބޯޓުގެ ތެރެއަށް ހުޅުގަނޑު ފެތުރުމުގެ ކުރިން އޭގައި ދަތުރުކުރި ފަސިންޖަރުންނާއި ފަޅުވެރިން ވަނީ ސަލާމަތް ކޮށްފައެވެ. އެ ބޯޓުގައި 379 ފަސިންޖަރުންނާއި 12 ފަޅުވެރިން ތިއްބެވެ.

އެ ހާދިސާ ހިނގި ވަޤުތު ކޯސްޓްގާޑުގެ މަތިންދާބޯޓު ދިޔައީ އެހީގެ ސާމާނާ އެކު ޖަޕާނުގެ ހުޅަނގުގައި އޮންނަ ނީގަތާ ވައިގެ ބަނދަރަށް ފުރުމަށް ތައްޔާރުވަމުންނެވެ. އެއީ، ޖަނަވަރީ 1 ވަނަ ދުވަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ކުރަން ހަމަޖެހި އޮތް ދަތުރެކެވެ. އެ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު ވަނީ 48އަށް އަރާފައެވެ.

ދެ މަތިންދާބޯޓު އެކްސިޑެންޓުވި ވަޤުތު ޖަޕާން އެއާލައިންސްގެ މަތިންދާބޯޓުގައި ތިބި ބައެއް ފަސިންޖަރުން ވަނީ ސޯޝަލް މީޑިޔާގައި އެ ހާދިސާގެ ވީޑިޔޯތައް ޝާއިޢު ކޮށްފައެވެ. އެ ވީޑިޔޯތަކުން ފެންނަނީ މަތިންދާބޯޓުގެ ތެރޭގައި ދުން ބޯވަމުން ދިޔަ މަންޒަރެވެ. އަދި، ބައެއް ފަސިންޖަރުންގެ ހަޅޭކުގެ އަޑާ އެކު، އިވެކުއޭޝަން ސްލައިޑުން ފަސިންޖަރުން ފައިބާ މަންޒަރު ފެނެއެވެ.

މި ހާދިސާގައި އެކްސިޑެންޓުވި ޖަޕާން އެއާލައިންސްގެ މަތިންދާބޯޓަކީ އެ ޤައުމުގެ އުތުރުގައިވާ ފަރުބަދަމަތީ ރަށެއް ކަމުގައިވާ ހޮއްކައިދޯގެ ސިން-ޗިތޮސޭ ވައިގެ ބަނދަރުން ފުރައިގެން ޓޯކްޔޯއަށް ދަތުރު ކުރި މަތިންދާބޯޓެކެވެ. އެ ހާދިސާއާ ގުޅިގެން ހަނޭދާ ވައިގެ ބަނދަރުގެ ހުރިހާ ރަންވޭތަކެއް ވަނީ ވަޤުތީ ގޮތުން ބަންދު ކޮށްފައެވެ. ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝިދާ ވަނީ އެ ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އަންގަވާފައެވެ. އަދި، މި ހާދިސާގައި ލިބިފައިވާ ގެއްލުން ވަޒަންކޮށް، މި ހާދިސާއާ ގުޅޭ މަޢުލޫމާތު އާންމުންނާ ހިއްސާ ކުރުމަށް އިރުޝާދު ދެއްވާފައެވެ.