ޚަބަރު

ޞިއްޙަތު ދުވަހުގެ ޙަރަކާތްތައް ކުޑަހުވަދޫގައި ފަށައިފި


ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާޞަތުގައި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ހިންގާ ޙަރަކާތްތައް އިއްޔެ ފަށައިފިއެވެ.

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާއި ދ.އަތޮޅު ހޮސްޕިޓަލާއި އަދި ބައެއް ޖަމްޢިއްޔާތައް ގުޅިގެން ހިންގާ މިޙަރަކާތްތައް އިއްޔެއިން ފެށިންގެން މިއަދުގެ ނިއަލަށް ކުޑަހުވަދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޑައިބެޓީސް ސޮސައިޓީން ބުނެއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ހަރަކާތްތައް ކުޑަހުވަދޫގައި ފަށާފައިވަނީ ގްލޯފިޓްގެ ފަރާތުން ކުޑަހުވަދޫ ރައްޔިތުންނަށް އަމާޒުކޮށް ހެނދުނު ބޭއްވި ކަސްރަތު ހަރަކާތަކުންނެވެ. އެއަށްފަހު ވަނީ 40 އަހަރުން މަތީގެ ފިރިހެނުންނަށް އަމާޒުކޮށް ފުޓްބޯޅަ މެޗެއް ބާއްވާފައެވެ. ޞިއްޙަތު ދުވަހާއި ގުޅުވައިގެން ކުޑަހުވަދޫގައި ކުރިޔަށްގެންދާ މިހަރަކާތްތައް އަމާޒުކޮށްފައިވަނީ މިއަހަރުގެ ދުނިޔޭގެ ޞިއްޙަތުދުވަހުގެ ޝިއާރުކަމަށްވާ، "ރައްކާތެރިވަމާ،ފަރުވާކުރަމާ، ހަކުރުބަލީގެ މައްޗަށް ކުރިހޯދަމާ" މިޝިޔާރުގެ މައްޗަށެވެ.

މިހަރަކާތްތަކުގެ ތެރޭގައި ޚާއްޞަގޮތެއްގައި ހަކުރުބައްޔާއި މިބަލިން ރާއްކާތެރިވުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ޞިއްޙީ މާހިރުން މެދުވެރިކޮށް މައުލޫމާތުދީފައިވެއެވެ. ދުނިޔޭގެ ޞިއްހަތު ދުވަހުގެ މުނާޞަބާއި ކުރިޔަށްގެންދާ މިހަކާތްތަކުގައި ތަފާތު އެންޖީއޯތައް މެދުވެކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމުގެ އިތުރުން ހަކުރުބައްޔަށް ސްކްރީންކޮށްދިނުންފަދަ ހަރާކާތްތައްވެސް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.