ޚަބަރު

ދީނީގޮތުން ހައްދު ފަހަނައަޅާދާ ފަރާތްތަކާމެދު ފިޔަވަޅުއަޅަނީ


ދީނީގޮތުން ހައްދު ފަހަނައަޅާދިއުމާއި ލާދީނީ މަސައްކަތްތަކުގައި ޝާމިލްވާ ފަރާތްތަކާމެދު އަންނަ ހަފްތާއިން ފެށިގެން ފިޔަވަޅު އަޅުއްވަން ފައްޓަވާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، ޑިފެންސް މިނިސްޓަރ ވިދާޅުވީ ދިވެހި ދައުލަތާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ހުރި ނުރައްކާތައް ދެނެގަތުމަށް ދިރާސާތަކެއް ކުރިއަށް ގެންދަވަމުންދާ ކަމަށެވެ. ހައްދުފަހަނައަޅައިދާ ފަރާތަކަށް ދޭންޖެހޭ ތެރަޕީއާއި ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވީތީ ބޭރުގެ ބައެއް ޤައުމުތަކުން، ޚާއްޞަކޮށް ޔަހޫދީން ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ ތެރެއަށް ސިޔާސީ ކުލަވަރު ޖައްސާ، ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށް މަސައްކަތްކުރާ ކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ބިލުގެ ފުރަތަމަ ޑްރާފްޓް ނިމި އަންނަ ހަފްތާގައި މިކަމާއި ގުޅުންހުރި ފަރާތްތަކާއި މި ބިލް ހިއްސާކޮށް، ބިލުގައި ފުރިހަމަކުރައްވަންޖެހޭ ކަންތައްތައް ފުރިހަމަ ކުރެއްވުމަށްފަހު މި އަހަރުގެތެރޭގައި މި ބިލުގެ މަސައްކަތް ނިންމެވުމަށް މަސައްކަތްކުރައްވަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.