ކުޅިވަރު

ބޯންމަތު ބަލިކޮށް ޓޮޓްނަމް ތާވަލުގެ ފަސްވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތް ބަލިކޮށް، ތާވަލުގެ ފަސްވަނައަށް ޓޮޓްނަމް ހޮޓްސްޕާ ޖެހިލައިފިއެވެ.

ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޓޮޓްނަމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯންމަތުގެ ޕެނަލްޓީ އޭރިއާ ބޭރުން ތިރިތިރިން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޕެޕޭ މަޓާ ސާއެވެ.

ޓޮޓްނަމުން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ސޮން ހިއެން-މިންއެވެ. އަދި އޭގެ ހަ މިނެޓް ފަހުން ޓޮޓްނަމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ރިޗާލިސަންއެވެ.

މި މެޗުގައި ބޯންމަތުން ސުން ކަނޑުވާލި ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން މިޑްފީލްޑަރު އެލެކްސް ސްކޮޓެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 20 މެޗުން ޓޮޓްނަމަށް ވަނީ 39 ޕޮއިންޓް ލިބިފައެވެ. އެއާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މެޗުން ބަލިވި ބޯންމަތު އޮތީ ލީގުގައި ކުޅުނު 19 މެޗުން ލިބުނު 25 ޕޮއިންޓާއެކު 12 ވަނައިގައެވެ.