ޚަބަރު

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި


  • ދާއިމީ ހައްލެއް ހޯދާނަމަ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ

  • ކުރުމުއްދަތަކަށް ހައްލު ހޯދޭނެ ކަންކަން ވަނީ ފަށާފައި

  • އަމީނީ މަގުގެ މަސައްކަތް ނިމޭއިރު ފެންބޮޑުވެފައި އޮންނަ މަންޒަރު ފެނުން މަދުވާނެ

ވިއްސާރަ ކުރާ ދުވަސްވަރު މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެމް.ޑަބްލިއު.އެސް.ސީން ފަށައިފިއެވެ.

މާލޭގެ ފެންހިންދުމުގެ ނިޒާމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވީ މާލޭގައި ޖުމްލަ 16 ޕަމްޕް ސްޓޭޝަން ގާއިމުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 14 ސްޓޭޝަނެއް ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމާ ގުޅާލާފައިވާ ކަމަށެވެ. މިއީ އޮޓޮމެޓިކްކޮށް މަސައްކަތް ކުރާ ސިސްޓަމެއް ކަމަށާއި ކޮންމެ ޕަމްޕް ސްޓޭޝަނަކުން ގަޑިއަކު 400 ކިއުބިކް މީޓަރުގެ ފެން ބޭރުކޮށްދެއެވެ. އެހެންކަމުން މުޅި މާލެއިން ޖުމްލަ 5000 އެއްހާ ކިއުބިކް މީޓަރުގެ ފެން ގަޑިއިރެއްގެ ތެރޭގައި ހުރިހާ ސްޓޭޝަނަކުން ބޭރުކޮށްލަދޭ ކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ އެއަދަދަށް ފެން ބޭރުކޮށްދިން ނަމަވެސް ފެންބޮޑުވަނީ ސްޓޯމް ވޯޓަރ ސިސްޓަމް ގާއިމުކޮށްފައިވާ ގޮތުން ކަމަށެވެ. އެ ސިސްޓަމުން ފެން ހިއްކައިދެނީ ވާރޭ ހުއްޓާލާތާ ދެ ގަޑިއިރު ތެރޭގައި ކަމަށާއި ވަގުތުން ވަގުތަށް ފެން ހިއްކާނަމަ ސިސްޓަމުގެ ޑިޒައިނަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް ވާރޭ ވެހޭގޮތަށް އައި ބަދަލަކީ ވެސް ފެންބޮޑުވުމަށް ދިމާވާ ސަބަބެއްކަން މަތީން ފާހަގަކުރެއްވިއެވެ.

މިމައްސަލަތަކަށް ހައްލު ގެނައުމަށް ކުރުމުއްދަތަކަށް އެޅިދާނެ ފިޔަވަޅުތައް ހުރިކަން ފާހަގަކުރައްވައި މަތީން ވިދާޅުވީ އަމީނީ މަގުގައި ޤާއިމުކޮށްފައިވާ 4 ޕަމްޕް ސްޓޭޝަނެއްގެ ކެޕޭސިޓީ ދެގުނަ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ސްޓޭޝަނެއްގައި ދެ ޕަމްޕް ބަހައްޓައި ފެން ބޭރުކުރާ ގޮތަށް ހެދުމަށް ނިންމާފައިވާ ކަމަށާއި، އޭރުން ގަޑިއަކު 1600 ކިއުބިކް މީޓަރު ފެން ބޭރުކޮށްލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަމީނީމަގުގެ މަސައްކަތް ނިމޭއިރު ޑްރެއިން ވޯޓަރ ސިސްޓަމަށް ފެން ގުޅާފަ ހުންނަ ގޮތަށް ބަދަލު އަންނާނެކަން މަތީން ފާހަގަކުރެއްވިއެވެ.

"ކުރިން މަގު މެދުގައި އިންނަ ލައިނަށް ފެން އަންނަނީ ދެ ފަރާތުން. ނަމަވެސް މިހާރު ގެންނަ ބަދަލާއެކު ދެ ފަރާތުގައި އޮންނަ ފެން ލައިން ސްޓޯމް ވޯޓަރ ސިސްޓަމާ ޑައިރެކްޓްކޮށް ގުޅިގެން އަންނާނެ. އޭގެ އިތުރުން މިހާރު ބޭނުން ކުރާ ހޮޅިތަކުގެ ސައިޒަށްވެސް ބަދަލު އަންނާނެ. އަމީނީ މަގު މަސައްކަތް އެއްކޮށް ނިމި ސިސްޓަމް އަޕްގްރޭޑްކޮށް ނިމޭއިރު އިއްޔެ ފެނުނު ފަދަ މަންޒަރު (ފެންބޮޑުވުމުގެ މަންޒަރު)ފެނުން މަދުވާނެ،" މަތީން ވިދާޅުވިއެވެ.

މިހާރު ސްޓޯމް ވޯޓަރ ސިސްޓަމް ގާއިމުކޮށްފައިވަނީ މާލޭގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގައިކަން ފާހަގަކުރައްވައި މަތީން ވިދާޅުވީ ފެންބޮޑުވުމުގެ މައްސަލައަށް ޖުމްލަ ހައްލެއް ހޯދާނަމަ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތަށް މުޅި މާލޭގެ ރޯޑް ނެޓްވޯކް ޒަމާނީ ކުރާއިރު މުޅި މާލެއަށް ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ގެންނަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެމް.ޑަބްލިއު.އެސް.ސީގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވެސް މަތީންވަނީ ދެއްވާފައެވެ.