ސިއްހަތު

ސްޕެޝަލިސްޓް ޑޮކްޓަރުންގެ ގޮތުގައި 9 ދިވެހިން ތަމްރީންކުރަނީ


ސްޕެޝަލިސްޓުންގެ ގޮތުގައި ދިވެހި 9 ޑޮކްޓަރުން ތަމްރީނުކުރުމަށްޓަކައި އިންތިޒާމުތަކެއް ހަމަޖައްސަމުންދާކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ ޤާބިލް ދިވެހިން ބިނާކުރުމުގެ ގޮތުން ޑޮކްޓަރުން ތަމްރީނުކުރުމަށްޓަކައި ހެލްތް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ޕްލޭސްމަންޓް ލިބުމުގައި ދަތިތަކެއް ދިމާވަމުންދާތީ އެމިނިސްޓްރީން ޕްލޭސްމަންޓްތަކެއް ހޯދާ ތަމްރީނުކުރުމަށް ފޮނުވަމުންދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދިވެހި ސަރުކާރުން ނޭޕާލްގެ ޔުނިވަރސިޓީތަކަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލިބިފައިވާ 10 ފުރުސަތަކަށް 9 ފަރާތެއް ކަނޑައަޅާ ތަމްރީނަށް ފޮނުވުމަށްޓަކައި މަސައްކަތްތަކެއް ކަނޑައަޅަމުންދާކަމަށެވެ.

މީގެ އިތުރަށް އިންޑިޔާ، ބަންގްލަދޭޝް، ޕާކިސްތާން އަދި ޗައިނާ ސަރުކާރުއެކު މީހުން ތަމްރީނުކުރުމަށްޓަކައި ދިވެހިރާއްޖެއިން ދަނީ މަޝްވަރާކުރަމުންނެވެ. ހެލްތް މިނިސްޓްރީން ވިދާޅުވީ ދާދި ފަހުން ބަންގްލަދޭޝް ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގައި ވެސް ފްރީ ސްކޮލަރޝިޕް ތަކެއް ހަމަޖެހިފައިވާކަމަށާއި އިތުރު ޤައުމުތަކާއެކު މީހުން ތަމްރީނުކުރުމަށް ފުރުސަތުތަކެއް ހޯދުމުގެ މަޝްވަރާތައް ކުރަމުންދާކަމަށެވެ.

ސުޕަރސްޕެޝަލިޓީގެ ދާއިރާއިން 21 ފަރާތެއް މިހާރުވެސް ރާއްޖެއިން ބޭރުގައި ދަނީ ތަމްރީނުވަމުންނެވެ.

ވޭތުވެދިޔަ އަހަރުތެރޭގައި މާލެ ސަރަޙައްދުގައި 10 ސްޕެޝަލިސްޓުންނާއި، 15 މެޑިކަލް ޑޮކްޓަރުން ވަނީ ޚިދުމަތަށް ނިކުމެފައެވެ. އަދި 76 ނަރުހުން ޚިދުމަތަށް ނިކުމެފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.