ޚަބަރު

ރައީސްގެ އެންގެވުމަށް ޤައުމީ ފެންވަރުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފި


  • މުޅި ރާއްޖެއަށް މޫސުން ގޯސް

  • އޮރެންޖު އިންޒާރުވަނީ ނެރެފައި

  • ރަށްރަށުގައި ފެން ބޮޑުވުމުގެ ހާދިސާތައް ދަނީ ރިޕޯޓުކުރަމުން

މޫސުން ގޯސްވުމުގެ ސަބަބުން މާލެއާއި އަތޮޅުތެރޭގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް އެހީތެރިވުމަށް ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ އެންގެވުމަށް ޤައުމީ ފެންވަރުގައި ހުރިހާ އޭރިއާ ކޮމާންޑެއްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ރާއްޖެއަށް މޫސުން ގޯސްވެ، މިވަގުތުވެސް ވަނީ އދ. އަތޮޅުން ފެށިގެން ކ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، ފެން ބޮޑުވުމުގެ ހާދިސާތައް ދަނީ ގިނަ ރަށްރަށުން ރިޕޯޓުކުރަމުންނެވެ. އަދި މިކަމުގައި އެމްއެންޑީއެފުންދަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްތައް އެމްއެންޑީއެފުންދަނީ ކުރަމުންނެވެ.

އަތޮޅުތަކުގެ ޙާލަތު ގާތުން ބަލައި ކުރަންޖެހޭ އެންމެހާ ކަންކަން ކަމާއިބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ކުރިއަށް ގެންދާކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.