ޚަބަރު

ޗައިނާއިން ރާއްޖެއަށް ސީ އެމްބިއުލާންސް ހަދިޔާކުރަނީ


ރާއްޖެއަށް ސީ އެމްބިއުލާންސް ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި ޑިފެންސް މިނިސްޓްރީން ޗައިނާގެ ޑިފެންސް މިނިސްޓްރީއާއެކު ސޮއިކުރައްވައިފިއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ފައިޞަލްއެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެޤައުމުގެ މިނިސްޓްރީ އޮފް ޑިފެންސްގެ، އޮފީސް ފޮރ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޗީފް، މޭޖަރ ޖެނެރަލް ސީ ގުއޮވެއިއެވެ.

މިރަސްމިއްޔާތުގައި މޭޖަރ ޖެނެރަލް ސީ ގުއޮވެއި ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ގާތް ގުޅުމަށް އަލިއަޅުއްވާލެއްވިއެވެ. އަދި ސީ އެމްބިއުލާންސް ހެދުމުގެ މަސައްކަތް މި އަހަރުގެ ޖަނަވަރީން ފެށިގެން ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ފައިޞަލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ވަރަށް ބޮޑަށް އެހީތެރިވާ ތަރައްޤީގެ ޚާއްޞަ ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުން ދިވެހި ރައްޖެއަށް ހަދިޔާކުރާ ސީ އެމްބިއުލެންސްގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް އަތޮޅުތެރޭގެ ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ގޮސް ސިއްޙީ ޚިދުމަތް ދިނުމުގައި ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަ ކުރައްވާ ދިވެހި ސަރުކާރުގެ ނަމުގައި ޗައިނާ ސަރުކާރަށާއި ޑިފެންސް މިނިސްޓްރީގެ އިސްވެރިންނަށް ޝުކުރުއަދާކުރެއްވިއެވެ.

ޗައިނާ ސަރުކާރުން ދިވެހި ރައްޖެއަށް ހަދިޔާކުރާ ސީ އެމްބިއުލެންސްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗައިނާ އަސްކަރިއްޔާގެ އިސް ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.