ޚަބަރު

ރާއްޖެއަށް ކޮލިޓީ ބޭސް އެތެރެކުރުމަށް އުސޫލު ބަދަލުކުރަނީ


  • ކޮލިޓީ ބޭސް ގެނައުމަށް އޮތް ހުރަހަކީ ރާއްޖޭގައި ހުރި އުސޫލުތައް

  • ރާއްޖެއަށް މިހާރު ބޭސް އެތެރެކުރެވެނީ ކޮންޓެންޓް ހާމަކޮށްގެން

  • ބޮޑެތި ކުންފުނިތަކުން ކޮންޓެންޓް ހާމަކުރަން ބޭނުމެއް ނުވޭ

ބޭސް އެތެރެކުރުމަށް ކަނޑައަޅާފައިވާ އުސޫލުތައް ބަދަލުކޮށް، ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް އެތެރެކުރެވޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އެތެރެކުރާ ބޭހުގެ ކޮލިޓީއަކީ އެކަމަކާ މެދު ޢާއްމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އަބަދުވެސް އޮންނަ ކަމެކެވެ.

ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ ރާއްޖެއިން ބޭރުން ލިބެން ހުންނަ ކޮލިޓީ ބޭސް ރާއްޖެއިން ލިބެން ނުހުންނަ މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ ރާއްޖެއަށް ބޭސް އެތެރެކުރާއިރު ބޭހުގައި ހިމެނޭ ބައިތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއަށް އެނގެންޖެހޭކަމަށެވެ. އެހެންނަމަވެސް ބޮޑެތި ވިޔަފާރި ކުންފުނިތަކުން އެކި ސަބަބުތަކާ ހެދި އެކުންފުނީގެ ބޭހުގެ ކޮންޓެންޓް ހާމަކުރަން ބޭނުންނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ ކޮލިޓީ ބޭސް އުފައްދާ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެކުރުމާއި ގުޅޭގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އާއި ޞިއްޙަތާއި ބެހޭ އެކިއެކި ޖަމިއްޔާ ޖަމާޢަތްތަކާއެކު މަޝްވަރާކުރައްވައިގެން އެފަދަ ބޭސް ރާއްޖެއަށް އެތެރެކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިކަމަށްޓަކައި ރާއްޖޭގައި ބޭސް އެތެރެކުރުމަށް އޮތް އުސޫލު ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވަޒީރު ޑރ.ޚަލީލް ވިދާޅުވިއެވެ.

"ރާއްޖެއަށް ބޭސް އެތެރެކުރަން އެބަޖެހޭ ބޭހުގެ ކޮންޓެންޓް ހާމަކުރަން. ބޮޑެތި ކުންފުނިތަކުން އެމީހުންގެ ވިޔަފާރީގެ ސިއްރު މިއީ. އެހެންކަމުން އެކޮންޓެންޓް ހާމަކުރަން އެމީހުން ބޭނުމެއްނުވޭ. އެހެންވެ ޑަބްލިއުއެޗްއޯއާއި ސިއްޙަތާއި ބެހޭ ޖަމިއްޔާތަކާއެކު މިހާރު މިދަނީ މަޝްވަރާކުރަމުން. އެފަދަ ކުންފުނިތަކާއެކު ކުރިއަށްދާނެ ގޮތެއް ބެލުމަށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެ ސަރަހައްދުގަވެސް ކޮލިޓީ ބޭސް އުފައްދާ ބައެއް ޤައުމުތައް އެބަހުރިކަމަށެވެ. އެގޮތުން އިންޑިއާ ދުބާއީ އަދި މެލޭޝިއާގައިވެސް ރަނގަޅު ބޭސް އުފައްދާކަން ވަޒީރު ޑރ.ޚަލީލް ފާހަގަކުރެއްވިއެވެ.

ސިއްޙަތާއި ބެހޭ ވަޒީރު ވަނީ ރާއްޖެއަށް ބޭސް އެތެރެކޮށް ބޭސް ރައްކާކުރާ ތަންތަނުގައި ހުންނަންޖެހޭ ސްޓޯރޭޖް ކޮލިޓީ ނުހުންނަކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ރާއްޖެއަށް ބޭސް އެތެރެކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ ރައްކާތެރިވެ ބޭސް ބަހައްޓަންޖެހޭ ފިނިހޫނުމިން ކަށަވަރުކުރުމަށް ވަޒީރުވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއަށް ބޭސް އެތެރެކުރާއިރު އިންޓަރނޭޝަނަލް ހުރިހާ ބަނދަރުތަކުން ބޭސް ޗެކްކުރެއެވެ. އެހެންކަމުން ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ބޭސްތައް ވިއްކުންވަނީ ކޮންޓްރޯލްކުރެވިފައެވެ. އަދި ރާއްޖެއަށް އެތެރެކުރެވޭ ބޭސްތަކާއި ގުޅޭގޮތުންވެސް ޑަބްލިއުއެޗްއޯއިން ނެރޭ އެލަރޓްތަކާއި ގުޅިގެން އެމްއެފްޑީއޭއިން ބޭސް ޗެކްކޮށް ބާޒާރުން ނެގުމުގެ މަސައްކަތް ކުރައްވައެވެ. އެމްއެފްޑީއޭއިން މިހާރު ކަނޑައަޅާފައިވާގޮތުން ރާއްޖެއަށް ބޭސް އެތެރެކުރެވޭނީ ލެބޯޓްރީ ޓެސްޓަކާއެކުގައެވެ. އެއީ ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދިޔަ ބޭސްތަކަކުން ކެމިކަލްގެ މާއްދާތަކެއް ފެނުމާއި ގުޅިގެން އެޅި ފިޔަވަޅެކެވެ.