ވިޔަފާރި

ސިލްކް ރޫޓަކީ ރާއްޖޭގެ އިޤްތިޞާދަށް މުހިންމު މަޝްރޫޢެއް- ރައީސް


ރާއްޖެއިން ސިލްކު ރޫޓުގައި ބައިވެރިވި އެންމެ ބޮޑު މަޤްޞަދަކީ ރާއްޖެއަށް ބޭނުންވާ ތަރައްޤީއާއި، އިޤްތިޞާދީ ފައިދާ އޭގެ އެންމެ އެދެވޭގޮތުގައި ހޯދުންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިބްރާޙިމް ނާސިރް އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ސިލްކު ރޫޓަކީ ޕޯޓްތަކާއި އެއަރޕޯޓްތައް އަދި ވިޔަފާރީގެ ގުޅުންތައް ފަސޭހަވާނެ އުމްރާނީ ތަރައްޤީތައް ޤާއިމްކޮށްގެން ޗައިނާއިން އެކި ޤައުމުތަކާ އެކު އޮންނަ ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާކުރަން އެކުލަވާލާފައިވާ މަޝްރޫޢެކެވެ. ރައީސް ޢަބްދުﷲ ޔާމީން 2014 ވަނަ އަހަރު ޗައިނާއަށް ކުރެވި ދަތުރުފުޅުގައި ސިލްކު ރޫޓްގައި ރާއްޖެއިން ބައިވެރިވުމަށް ދަޢުވަތު ދެއްވިއެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންގ ޕިން އެއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖެއިން ވަނީ އެ ދަޢުވަތު ޤަބޫލުކުރައްވާފައެވެ.

އިބްރާޙިމް ނާސިރް އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވީ، ސިލްކު ރޫޓުގައި ބައިވެރިވުމަކުން ރާއްޖޭގެ އިސްތިޤުލާލަކަށް، މިނިވަންކަމަކަށް އެއްވެސްކަހަލަ ހުރަހެއް ނެތްކަމަށާއި، ރާއްޖޭގެ މިނިވަންކަމައި އިސްތިޤުލާލަކަށް ހުރަހެއް އަވަށްޓެރި އެއްވެސް ޤައުމަކުން ނައަޅާނެކަމަށް ވިދާޅުވިއެވެ. ދިވެހި ރާއްޖެއަކީ ހުރިހާ ޤައުމުތަކެއްގެވެސް ރަޙުމަތްތެރިއެއްކަމަށެވެ. ޗައިނާގެ ސިލްކު ރޫޓާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިލްކް ރޫޓަކީ ޗައިނާގެ ރައީސް ޝީޖިން ޕިންގެ ވަރަށް ބޮޑު ވިޝަންއެއްކަމަށާއި، ރާއްޖެއިން ސިލްކުރޫޓުގައި ބައިވެރިވީވެސް މި ސިލްކް ރޫޓުން ރާއްޖެއަށް ލިބޭނެ އިޤްތިޞާދީ ފައިދާތައް ގިނަކަމުންކަމަށެވެ.

ރާއްޖެ އޮންނަނީ އިރުމަތީ ބިތުގެ ޤައުމުތަކާއި ހުޅަނގު ބިތުގެ ޤައުމުތަކާ ދެމެދު ކަނޑުމަގުން ކުރެވޭ ވިޔަފާރި ދަތުރުތަކުގެ މައި މަގުގައެވެ. އެކާވީސް ވަނަ ގަރުނުގެ މެރިޓައިމް ސިލްކު ރޫޓު މަޝްރޫއާއި ގުޅިފައިވާ އިޤްތިސާދީ ސިލްރޫޓް ބެލްޓްގައި ހިމެނޭ ޤައުމުތަކުގައި އިންފްރާސްޓްރަކްޗަރ ބިނާކޮށްދިނުމަށް ދިހައަހަރު ތެރޭގައި 2.5 ޓްރިލިޔަން ރުފިޔާ ނުވަތަ (ދެހާސް ފައްސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރު) އަށްވުރެ އިތުރަށް އިންވެސްޓްކުރާނެކަމަށް ޗައިނާއިން ބުނެފައިވެއެވެ.

ދުނިޔޭގެ ޤައުމުތަކުގައި އުފައްދާ މުދަލާއި ސިނާއީ ތަކެއްޗާ އަދި ރޯމެޓީއަލްގެ ބޮޑުބައި އެއްޤައުމުން އަނެއް ޤައުމަށް އިންޕޯޓްކޮށް އެކްސްޕޯޓްކުރާނީ މި ރޫޓޫންނެވެ. ސިލްކުރޫޓް މަޝްރޫޢުގައި ބައިވެރިވާނެ ކަމުގެ ފެހި އަލި ދީފައިވާ ގައުމުތަކުގެ އަދަދު ފަންސާހަށް ވުރެ މައްޗަށް އަރައެވެ. މި މަޝްރޫއުގައި ބައިވެރިވާ ޤައުމުތަކުގައި ޗައިނާއިން ކުރުމަށް ރާވާފައިވާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ޓްރާންޝިޕްމަންޓް ބަނދަރުތަކާއި ކަރަންޓާއި އިންޓަނެޓްގެ ނެޓްވާކްތައް ބިނާކޮށްދިނުމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޮރިޑޯތަކާއި ތެލާއި ގޭސްހޮޅިތަކުގެ ނެޓްވާކްތައް ބިނާކޮށްދިނުން ހިމެނެއެވެ. ޗައިނާއަކީ ދުނިޔޭގެ ދެވަނަ އިޤްތިޞާދީ ބާރެވެ.