ފަލަސްޠީނުގެ ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތް ނައްތާލަން އަމާޒު ހިފާފައިވާ ޔަހޫދީ ފައުޖުތަކުން ޣައްޒާގެ ޢާންމުންނަށް އަމާޒުކޮށް ދެމުންދާ ޢުދުވަނީ ޙަމަލާތައް އިތުރަށް ފުޅާކޮށް، މިޞްރާ ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގު ޔަހޫދީންގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްޞީލެއް ނަތަންޔާހޫ ދެއްވައިފައެއް ނުވެއެވެ.
ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގާ ބެހޭ ގޮތުން ނަތަންޔާހޫ އެ ގޮތަށް ވިދާޅުވެފައި ވަނީ ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް އެތައް މަސްތަކަކަށް ދެމިގެންދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެފައި ވަނިކޮށެވެ. އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޙަމާސްއިން ޔަހޫދީންނަށް ދިން ޙަމަލާއެއްގެ ރައްދުގައި ކަމަށްބުނެ، ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުތަކުން ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 21،672 ފަލަސްޠީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 2.3 މިލިއަން ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލުމަށް ވަނީ މަޖުބޫރުވެފައެވެ.
ޔަހޫދީން ނައްތާލުމަށް އަމާޒު ހިފައިފައިވާ ޙަމާސް އާއި އިސްލާމިކް ޖިހާދުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ޙަމަލާތަކުގައި ޔަހޫދީންގެ ބައެއް ޓެންކުފަހަރާއި ސިފައިން އުފުލާ އުޅަނދުތައް ގޮއްވާލައި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އަދި ޚާން ޔޫނިސްސާއި ފަލަސްޠީނުގެ މެދުތެރޭގައި ހުންނަ އަލް ބުރޫޖް ރެފިއުޖީ ކޭމްޕުގެ އިތުރުން ޣައްޒާގެ އުތުރުގައި ވެސް ޔަހޫދީންނާއި ދެކޮޅަށް ޙަމަލާތައް ދެމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.
ޔަހޫދީ ފައުޖުތަކާއި ޙަމާސްއާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ލުބުނާނާއި އިރާޤާއި ސޫރިޔާ އަދި ޔަމަނުގައި ޙަރަކާތްތެރިވާ އީރާނުގެ ތާއީދު އޮންނަ ހަތިޔާރު އެޅި ޖަމާޢަތްތަކުން ޔަހޫދީންނާ އެމެރިކާއަށް ނިސްބަތްވާ އާގުބޯޓުތަކަށް އަންނަނީ ޙަމަލާތައް ދެމުންނެވެ. އެއާއެކު ހަނގުރާމަ މުޅި މެދުއިރުމައްޗަށް ފެތުރިދާނެ ކަމުގެ ކަންބޮޑުވުންވެސް އެބައޮތެވެ.