ޚަބަރު

ވާހަަކަދެއްކުމުގެ ޤައުމީ މުބާރާތް އެލައިޑުން ސްޕޮންސަރ ކޮށްފި


ވާހަކަ ދެއްކުމުގެ 31 ވަނަ ޤައުމީ މުބާރާތުގެ މެއިން ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ޕީއެސްއެމުން ވަނީ އެލައިޑާއިއެކު ސޮއި ކޮށްފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތަކީ ހުނަރުވެރި ގިނަ ބަޔަކު ރާއްޖޭގެ އެކި ދާއިރާތަކުގެ އިސްސަފަށް ނެރެދިން މުބާރާތެއްކަމަށެވެ. އަދި ފާއިތުވި އަހަރުތަކެކޭ އެއްގޮތަށް އެލައިޑުން މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ކަނޑައެޅިގެން ދިއުމުން އެކުންފުނިން މިފަދަ ޤައުމީ ކަންކަމަށް ދެއްވާ އިސްކަން ފާހަގަ ވެގެން ހިނގައްޖެ ކަމަށް އިކްރާމް ވިދާޅުވިއެވެ.

އެލައިޑުގެ ފަރާތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފް ވިދާޅުވީ ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތަކީ ޤައުމީވަންތަ ދަރިވަރުން ތަކެއް މުޖުތަމަޢަށް ނެރެދޭ  މުބާރާތެއް ކަމަށެވެ. އެހެންކަމުން އެކުންފުނީގެ ޢިޖްތިމާޢީ ޒިންމާގެ ދަށުން މި މުބާރާތުގައި ކޮންމެ އަހަރަކުވެސް ޙިއްސާވާން އެކުންފުނިން ބޭނުންވާކަމަށް ނިއުޝަދު ވިދާޅުވިއެވެ.

ވާހަކަ ދެއްކުމުގެ 31 ވަނަ ޤައުމީ މުބާރާތުގެ ވާހަދެއްކުމުގެ ބައި މިހާރު ނިމިފައިވާއިރު، މި މުބާރާތުގެ ނަތީޖާ ފާޅުކުރުން މިމަހުގެ 25 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި ވާކަމަށް ދިވެހި ބަހުގެ އެކަޑަމީން މަޢުލޫމާތު ދެއްވައެވެ.

ބަހުގެ އެކަޑަމީން ވިދާޅުވީ މިމަހުގެ 23 ވަނަދުވަހުގެ ނިޔަލަށް މި މުބާރާތުގެ ބައިވެރިންނަށް އިނާމު ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.