ހުޅުމާލޭ 3 ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތްތަކުގެ ދެވަނަ މަރުހަލާގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ބިންހިއްކުމުގެ ފުރަތަމަ މަރުހަލާގައި 10 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. ދެވަނަ މަރުހަލާގައި 29 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ކަނޑައަޅާފައެވެ. އަދި ތިންވަނަ މަރުހަލާގައި ހިއްކުމަށް ހަމަޖެހިފައިވާ 24 ހެކްޓަރުގެ ބިމާއެކު ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލެއްވުމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުވަނީ އެސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ.
މިޒިޔާރަތުގައި، މިމަޝްރޫޢާ ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން ފަޒުލް ރަޝީދު ވިދާޅުވީ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ ފުރަތަމަ މަރުހަލާގެ ބިން ހިއްކުމަށް ފަހު، ޑްރެޖަރގެ މަރާމާތަކަށް މަސައްކަތް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިމަޝްރޫޢުގެ މަސައްކަތް ނުހުއްޓި ކުރިއަށް ދާކަމަށެވެ. ފަޒުލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ހުޅުމާލެއިން ގޯތި ލިބޭ ފަރާތްތަކަށް ހިއްކާ ސަރަހައްދުން ބިންދޫކުރައްވާނެ ކަމަށެވެ.
" މަސައްކަތް އެއްއިރަކުވެސް ނުހުއްޓޭ. މިތަނުގަ ގޯތި ލިބޭ ފަރާތްތަކަށް ރައީސް ވިދާޅުވި ފަދައިން ގޯތި އެޗްޑީސީގެ ފަރާތުން ދޫކުރާނެ. ހުޅުމާލޭގަވެސް ތިލަފުށީގަވެސް އަދި ރަސްމާލޭގަވެސް ހަގީގަތުގައި މަސައްކަތް އެބަދޭ ބާރު ސްޕީޑުގައި ކުރިއަށް. އަޅުގަނޑުމެން މިއައީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުޅާދާއިރާގައި ދިނުމުގަ އެންމެ އަވަސްކޮށް ދިނުމުގައި މަސައްކަތްކުރާށޭ. އެހެންވީމަ އެޗްޑީސީގެ ޓީމާއި، މުވައްޒަފުންނާއި އޭގެ އިތުރުން އެޗްޑީސީގެ ވަސީލަތްތަކާއި ކޮންޓްރެކްޓަރސް މެދުވެރިކޮށް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކެއް ކުރިއަށް އޮތްތަނުގައި އަވަސްކޮށް އަދި ލުއިކޮށް އަދި ޚިދުމަތްތައް އޭގެ ޒާތުގައި ދެފުށް ފެންނަ ގޮތަށް ހުރިހާ ބޭފުޅުންނަށްވެސް އިނގޭނެފަދައިން ފޯރުކޮށްދޭނެ ވާހަކަ ދަންނަވާލަން ބޭނުންވަނީ". ފަޒުލް ރަޝީދު ވިދާޅުވިއެވެ.
ހުޅުމާލެއިން އަލަށް ހިއްކާ ބިމުން ގެދޮރުވެރިކަމުގެ ބޭނުންތަކަށާއި އިންޑަސްޓްރިއަލް ބޭނުންތަކަށާއި މެރީނާގެ ބޭނުމަށް ބިން ބޭނުންކުރާނެ ކަމަށް އެޗްޑީސީންވަނީ ބުނެފައެވެ. އަދި އަލަށް ހިއްކާ ސަރައްދުން މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ގޯތި ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވި 19،639 މީހުންނަށް ގޯތި ލިބުނެވެ. އެއީ 9،001 ގޯއްޗެވެ. މީގެ ތެރެއިން 1،351 ގޯތި ހުޅުމާލެއިން ދޫކުރުމަށް ވަނީ ނިންމަވާފައެވެ.
ހުޅުމާލޭގައި މިހާރު ތަރައްޤީކުރަމުންދާ ދެވަނަ ފިޔަވައްސެކޭ އެއްފަދައިން 3 ވަނަ ފިޔަވަހީގައިވެސް ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗް.ޑީ.ސީންވަނީ މީގެކުރިން ބުނެފައެވެ. އެގޮތުން މިފިޔަވަހިވެސް ތަރައްޤީކުރާނީ މަގުތަކާއި ބްރިޖްގެ އިތުރުން ޕާކްތަކާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުޞަތުތައް ފަހިވާނެގޮތަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.