ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ހުރިހާ ހިސާބަށް ވިއްސާރަކުރާނެ: މެޓް


ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށްފައިވާކަމަށެވެ. އެ ގޮތުން އެންމެ ބޮޑަށް ވިއްސާރަކޮށްފައިވަނީ ދެކުނަށާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ކާޑެއްދޫއަށެވެ. އެއީ 44 މިލިމީޓަރެވެ. ދެން އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ.ދިއްފުއްޓަށް ކަމަށް މުސާމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އެއީ 43 މިލިމީޓަރުގެ ވާރޭއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މެދުރާއްޖެ ތެރެއާއި އުތުރުގެ ހިސާބުތަކަށް 10 މޭލާއި 20 މޭލާއި ދޭތެރޭގައި ވައި ޖެހޭނެ ކަމަށެވެ. އެ ގޮތުން ވިލާގަނޑުގައި 35 މޭލަށް ވައިގަދަވެގެންދާނެ ކަމަށް ފާހަގަކުރެވޭ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބަލާއިރު، ހުޅުލެއާއި ހަނިމާދޫއަށް ގަޑިއިރަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓާ ދެމެދުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެއެވެ. އޭގެ އިތުރުން ކާޑެއްދޫ، ކައްދޫ އަދި ގަމަށް ގަޑިއިރަކު 5 މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އާދައިގެ ވަރަކަށް ކަނޑު މަޑުވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި މި ސަރަހައްދުގެ ރާޅުގެ އުސްމިނުގައި 2 ފޫޓާއި 5 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

ހަމައެއާއެކު އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވިއެވެ. ނަމަވެސް ދެކުނަށް ވައި މަޑުވާނެކަމަށާއި ކަނޑުތައް މަޑުވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.