ޚަބަރު

އިންޑޮނޭޝިއާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ


  • 5.6ގެ ބާރުމިނުގެ ބިން ހެލުމެއް

  • ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިން

އިންޑޮނޭޝިއާގެ ސުމަތްރާ ކައިރިން ކަނޑުގެ ސަރަޙައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އިންޑޮނޭޝިއާގެ ސުމަތްރާ ކައިރިން ކަނޑުގެ ސަރަޙައްދަށް 5.6ގެ ބާރުމިނުގެ ބިން ހެލުމެއް ވަނީ އައިސްފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އެ ބިންހެލުމުގެ އަސަރެއް އަދި ސުނާމީއެއްގެ އަސަރެއްވެސް ރާއްޖެއަށް ކުރާނެކަމަށް ލަފާނުކުރެވޭކަމަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ 5.6 މެގްނިޓިއުޑްގެ މި ބިންހެލުން މެދުވެރިވެފައިވަނީ އާޗޭ ޕްރޮވިންސްގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ސިނަބަންގްގެ އިރުމަތިން 362 ކިލޯމީޓަރު ދުރުގައި 10 ކިލޯމީޓަރުގެ އަޑިން ކަމަށެވެ. ބިންހެލުމުގެ އަސަރު ކައިރި ހިސާބުތަކުގައި ތިބި ބައެއް މީހުންނަށް އިޙުސާސް ކުރެވިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެކުނު ސުމަތްރާއަށް މި ބިންހެލުން އައިސްފައިވާއިރު، މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފަައެއް ނުވެއެވެ. 2004ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަތްރާ ކައިރިން ކަނޑުގެ ސަރަޙައްދަށް އައި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދި ރާއްޖެއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން ފެށިގެން ހުކުރު ދުވަހުގެ ދޭތެރޭ، ކާލްސްބާގް, މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވެއެވެ. މީގެތެރެއިން އެންމެ ބާރުގަދައީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގެ ބިން ހެލުމެވެ. މި ބިންހެލުންތައް އައިސްފައިވަނީ އައްޑޫ ސިޓީ އާއި 900 އެއްހާ ކިލޯމިޓަރުދުރުން ކަމަށާއި، މި ބިން ހެލުންތަކާއި ގުޅިގެން ސުނާމީގެ އަސަރެއް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.