ޚަބަރު

އަންނަ މަހު ޒަކާތު ހައުސް އިފްތިތާހްކޮށް، މުހިންމު މަސައްކަތްތައް ފަށަނީ


  • އަންނަމަހު ޒަކާތާ ގުޅޭ މުހިންމު 9 މަސައްކަތެއް ކުރުމަށް ނިންމާފައިވޭ

  • ހައްޖާއި އުމްރާގެ ޚިދުމަތްތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާނެ

  • އަތޮޅު ވަޤުފު މަޝްރޫޢު ވެސް އިޢުލަންކުރާނެ

މިފެށޭ އައު އަހަރުގެ ފުރަތަމަ މަހު ޒަކާތު ހައުސް އިފްތިތާހްކުރުމާއެކު މުހިންމު އިތުރު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުވަނީ އަންނަ ޖެނުއަރީ މަހު އެ ވުޒަރާއިން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.

"މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވަނީ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުގައެވެ. "މޯލްޑިވްސް ޒަކާތު ހައުސް"ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ޒަކާތު ހައުސް އިފްތިތާހް ކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 2ވަނަ ދުވަހުގައިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން އަންނަމަހު އިސްލާމީ ދަޢުވަތުގެ ޕްލޭން އިފްތިތާހްކުރުމާއި އަތޮޅު ވަޤުފު މަޝްރޫޢު އިޢުލާންކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އަންނަ މަހުގެ 5ވަނަ ދުވަހު ސަޢުދީޢަރަބިއްޔާގައި ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 1445 ރާއްޖެއިން ހައްޖު މީޑިޔާ ކަވަރޭޖް، ރާއްޖެއާއި ސައުދީގައި ކުރިއަށް ގެންދާނެގޮތް މީޑިޔާއާ ޙިއްސާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރަށް އަންނަމަހުގެ 24ވަނަ ދުވަހު އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު މީޑިއާއަށް ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ޖެނުއަރީ މަހު އިސްލާމިކް ޓީވީ ޗެނަލް ލޯންޗުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމީ ކަންތައްތަކާބެހެ ވުޒާރާއިން ވިދާޅުވެއެވެ.