ސާފުތާހިރުކަމަށް އިސްކަންދީ ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ ތިމާގެ ދުޅަހެޔޮކަން އިތުރުވެ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވާނެ ކަމެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ކުރިއަށްގެންދާ ޢައުމީ ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ ފޭސް 1 އަދި 2ގެ މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދުތަކެއްގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ފެން ހަރުލާތަކެތި މަގުމަތީގައި ބެހެއްޓުމުން ދުރުހެލިވުމާއި މަގުމައްޗަށް އުކާލާފައިހުންނަ ކުނިތައް ނެގުން މުހިންމުކަމަށެވެ. އަދި މަގުމައްޗަށް ކުނި އެޅުމަކީ އޭގެ ސަބަބުން މުޖުތަމަޢުގެ އެންމެހައި އަފުރާދުންނަށް ގެއްލުންވެ އުނދަގޫތައް ތަހައްމަލް ކުރަންޖެހޭނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ޤަބޫލުކުރާގޮތުގައި، މާލޭގައި އުޅޭ ރައްޔިތުންނާއި ހުޅުމާލޭގައިއުޅޭ ރައްޔިތުންނާއި އަދި މުޅި ރާއްޖޭގައި އުޅޭ ރައްޔިތުން، އެބޭފުޅުންގެ ފަރުދީ ޒިންމާއެއް ގޮތުގައި ރައްކާތެރިގޮތުގައި ކުނި އުކާލައި، މި މަސައްކަތްކޮށްފި ކަމަށްވާނަމަ އަޅުގަނޑުމެންގެ ދުޅަހެޔޮކަމާއި، އަޅުގަނޑުމެން ދިރިއުޅޭ މާހައުލު ސާފުތާހިރުވެގެންދާނެ. އަދި އަޅުގަނޑުމެން ދުޅަހެޔޮ ސިއްޙަތެއްގައި ތިބެވޭނެ." ޠާރިޤު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަދިރީގެ ޒަރީޢާއިން ޖެހޭ ނުރައްކާތެރި ބަލިތައް ފެތުރެމުންދާ މިޙާލަތުގައި، މުޖުތަމަޢުގެ އެންމެންގެ ރައްކާތެރިކަމަށް ވިސްނައި ދިރިއުޅޭ މާހައުލު ރައްކާތެރިކޮށް ބޭއްވުމަށް ރަނގަޅުގޮތުގައި ކުނި މެނޭޖުކުރުން މުހިންމު ކަމަށެވެ. އެގޮތުން މަގުމައްޗަށް ކުނި އަޅާ މީހުން އެކަމުން ދުރުހެލިވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
މަދިރި ނައްތާލުމުގެ ކެމްޕޭނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެޗްޑީސީގެ ސީނިއަރ ޕަބްލިކް ރިލޭޝަން އޮފިސަރ އަލީ މަޝާރު މުސްތަފާ ވިދާޅުވީ މިމަަސައްކަތަކީ ސަރުކާރުގެ އިސްނެންގެވުމާއެކު ކުރަމުންދާ މުހިންމު މަސައްކަތެއްކަމަށެވެ. އެގޮތުން މިހަރަކާތުގައި ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކާއި އަމިއްލަ ވިޔަފާރިވެރިތަކުން ބައިވެރިވެފައިވާކަމަށް މަޝާރު ވިދާޅުވިއެވެ.
ހުޅުމާލޭގައި ކުރިއަށްދިޔަ މަދިރި ނައްތާލުމުގެ ހަރަކާތުގައި ގާތްގަނޑަކަށް 800 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ. މި ހަރަކާތް ކުރިއަށްދަނީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2ގެ 15 ޒޯނަކަށް ބަހާލައިގެންކަމަށް މަޝާރު ފާހަގަކުރެއްވިއެވެ. މަޝާރު ވިދާޅުވީ ވިއްސާރަ ދުވަސްކޮޅެއް ނަމަވެސް ހަރަކާތް ހުއްޓުމެއްނެތި ކާމިޔާބު ކަމާއެކު ކުރިއަށްދާ ކަމަށެވެ.