ޚަބަރު

ބޯވިއްސާރަ ވިލާތައް މިހާރު ދަތުރުކުރަނީ އުތުރަށް، ކުރިއަށްވެސް އޮތީ ވިއްސާރަ ދުވަސްތަކެއްް


  • މިހާރު މިކުރަނީ އިރުވައި މޫސުން ފެށޭތީ ކުރާ ވިއްސާރަ

  • ކުރިއަށްއޮތް 4 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ

  • އުދައިގެ އަސަރުކުރުންވެސް އެކަށީގެންވޭ

ބޯވިއްސާރަ ވިލާތައް މިހާރު ދަތުރުކުރަމުންދަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށްކަމަށާއި، ކުރިއަށްހުރި ވަގުތުތަކުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޙުސައިން ވަޙީދު ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް އެންމެ ބޮޑަށް ވިއްސާރައިގެ އަސަރުކޮށްފައިވަނީ ފުވައްމުލަކު ސިޓީއަށްކަމަށާއި، އެންމެ ގިނައިން ވާރޭވެހިފައިވާކަމަށް ރިކޯޑް ކުރެވިފައިވަނީވެސް އެ ސިޓީއަށްކަމަށް ވަޙީދު ވިދާޅުވިއެވެ. އަދި އެ ސިޓީގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.

ވަޙީދު ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ދެކުނަށް ބޮޑަށް ވިއްސާރަކުރިނަމަވެސް، މެދުރާއްޖެތެރެއާއި އުތުރުގެ ހިސާބުތަކަށް ވަރަށް ބޮޑަށް ވައިގަދަވެފައި ކަނޑުތައްވެސް ގަދަކަމަށެވެ. ކުރިއަށްހުރި ވަގުތުތަކުގައި މެދުރާއްޖެތެރޭގައި އަދިވެސް ވައި ބާރުކޮށް ހިފަހައްޓާނެކަމަށެވެ. އަދި ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރަމުންދާނެކަމަށާއި، ކަނޑުގެ ބާނިތައްވެސް އުފުލޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް ބޮޑަށް ބެލެވެނީ ބޯވިއްސާރަ އުތުރަށް ޖެހެމުންދާކަމަށް. މާދަމާއިން ފެށިގެން ބޮޑަށް ބޯކޮށް ވިއްސާރަ އަންނާނެކަމަށް މި ބެލެވެނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް." ވަޙީދު ވިދާޅުވިއެވެ.

ޙުސައިން ވަޙީދު ވިދާޅުވީ، މިހާރު މިކުރާ ވިއްސާރައިގައި އަދި އެއްވެސް ރަށަކަށް އުދައަރާފައިނުވާކަމަށެވެ. އެހެންނަމަވެސް ވައިގަދަވުމުގެ ސަބަބުން ކަނޑުގެ ރާޅުތަކާއި ބާނިތައްވެސް ބޮޑުކަމަށާއި، އެހެންކަމުން ބިން ތިރި ރަށްރަށަށް ރާޅު އެރުމުގެ ފުރުޞަތު އެބައޮތްކަމަށް ވަޙީދު ވިދާޅުވިއެވެ.

"މިދިޔަ ދުވަސްތަކަށް ބަލާއިރު އަދި އެއްވެސް ރަށަކަށް އުދައަރާފައިވާކަމުގެ ރިޕޯޓެއް ނުލިބޭ. އެހެންނަމަވެސް އެ ފުރުޞަތު އެބައޮތް، ވައިގަދަވެ ކަނޑުގަދަވެ މިހާ ބާނިބޮޑުކޮށް އުޅޭއިރުގައި ބައެއް ރަށްރަށަށް ކޮންމެވެސް ވަރަކަށް އެއްގަމަށް ރާޅުއަރާފައި އެބަހުރި މީގެކުރީ ފަހަރުތަކުގައި." ވަޙީދު ވިދާޅުވިއެވެ.

އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޙުސައިން ވަޙީދު ވިދާޅުވީ، މިހާރު މިކުރާ ވިއްސާރައަކީ އެއްވެސް ތޫފާނަކާ ގުޅިގެން ކުރާ ވިއްސާރައެއް ނޫންކަމަށެވެ. އަދި މިއީ އިރުވައި މޫސުން ފެށިގެން ކުރިއަށްދާތީ ކުރާ ވިއްސާރައެއްކަމަށާއި، އާއްމުކޮށްވެސް ދެ މޫސުން ބަދަލުވާ ދުވަސްވަރު ވިއްސާރަކުރާކަމަށެވެ.

ރާއްޖެއަށް އިރުވައި މޫސުން ފެށިފައިވަނީ މި ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހުއެވެ. ވިއްސާރަ އަލިވާން އަދި 4 ވަރަކަށް ދުވަސް ނަގާނެކަމަށް ބެލެވޭކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.