ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވާއި ބޯޑެތި އެހެން ރަށްތަކަށް ވަރުގަދަ މިސައިލް ޙަމަލަތަކެއްދީ އާންމުންގެ 18 މީހުން މަރައިލައިފިއެވެ. ކީވްގެ އިތުރުން ޔޫކްރެއިންގެ ހުޅަނގާއި ދެކުނުގައިވާ ރަށްތަކަށް ވެސް ރަޝިޔާއިން މިސައިލް ޙަމަލަތައް އަމާޒު ކޮށްފައިވާއިރު، ގިނަ ޙަމަލަތައް އަރާފައި ވަނީ އާންމުން ދިރިއުޅޭ ޢިމާރާތްތަކަށެވެ.
މި ޙަމަލަތަކުގައި 130 އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ. މިއީ، ރަޝިޔާއިން ކީވަށް އަމާޒުކޮށް ފަހުގެ ތާރީޚެއްގައި ދީފައިވާ މި ފަދަ އެންމެ ވަރުގަދަ ޙަމަލަތަކެވެ. ޔޫކްރެއިންގެ ޚާރިޖީ ވުޒާރާއިން ބުނީ، މި ޙަމަލަތަކުން ދޭހަވަނީ ރަޝިޔާއާ އެކު ސުލްޙަވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ. ރަޝިޔާގެ ޙަމަލަތައް ދީފައި ވަނީ، ޔޫކްރެއިން ހުޅަނގުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮތުމާ އެކު ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ޔޫކްރެއިންގެ ޚާރިޖީ ވުޒާރާއިން ބުނީ، ކީވްގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ރަޝިޔާއިން ދިން މިސައިލް ޙަމަލައެއްގައި އެ ޢިމާރާތުގައި ދިރިއުޅޭ ތިން މީހުން މަރުވެ، އިތުރު 22 މީހުން ޒަޚަމުވެފައިވާ ކަމުގައެވެ. ޔޫކްރެއިނަށް ޙަމަލަދޭން ރަޝިޔާއިން ގިނަ ޢަދަދެއްގެ މިސައިލް ފޮނުވައިލާފައިވީ ނަމަވެސް، ޔޫކްރެއިންގެ ވައިގެ ސިފައިން ވަނީ ގިނަ ޢަދަދެއްގެ މިސައިލްތަކާއި ޑްރޯންތައް ދިފާޢުކޮށްފައެވެ.
ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ ރަޝިޔާއިން 158 މިސައިލާއި ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައެވެ. އަދި، އޭގެ ތެރެއިން 87 މިސައިލާއި 27 ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. މި ޙަމަލަތައް ކުރިއަށްދިޔަ ވަގުތު ޕޮލެންޑުގެ ވައިގެ ސަރަަޙައްދަށް ގޮތްނޭނގޭ އެއްޗެއް އެތެރެވެފައިވާ ކަމުގައި އެ ޤައުމުން ބުންޏެވެ. އެއީ ކޮން އެއްޗެއް ކަން ސާފު ނުވާ ކަމުގައި ވެސް ޕޮލެންޑުން ބުންޏެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ވަލޭރީ ޒަލޫޜްނީ ވިދާޅުވީ ރަޝިޔާގެ ގިނަ ޙަމަލަތައް އަމާޒު ކޮށްފައި ވަނީ ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކާއި ސިނާޢީ މަސައްކަތްތައް ކުރާ ސަރަޙައްދުތަކަށް ކަމުގައެވެ. އަދި، ޢާންމުންނަށް ޒަރޫރީ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ ވަޞީލަތްތަކަށް ކަމުގައެެވެ. ޔޫކްރެއިންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ޢިމާރާތްތަކަށް ރަޝިޔާއިން ޙަމަލަތައް އަމާޒު ކުރަމުންދާ ކަމަށް ކުރާ ތުޙުމަތުތައް އެ ޤައުމުން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ.
ރަޝިޔާއިން މިސައިލް ފަދަ ހަތިޔާރު އިތުރު ކުރަމުންދާ ކަމަށް ޔޫކްރެއިނުން ތުޙުމަތު ކުރަމުންދާއިރު، ހުސްވި އަހަރުގެ ފިނި މޫސުމާ ދިމާކޮށް ވެސް ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ކަރަންޓު ވިއުގައާއި ވަޞީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލަތަކެއް ދީފައެވެ. މި ޙަމަލަތަކާ ގުޅިގެން ޔޫކްރެއިންގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑި، އެތަކެއް ސަތޭކަ ހާސް ބަޔަކު އަނދިރީގައި ދިރިއުޅެން ޖެހުނެވެ.