ސިއްހަތު

އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް 194މިލިއަން ރުފިޔާ


ވޭތުވެދިޔަ އަހަރު އަތޮޅުތެރޭގެ ހެލްތް ސެންޓަރތަކުގެ ޚިދުމަތްތައް ހަރުދަނާ ކުރެއްވުމަށް ބޭނުންވާ ސާމާނު ގަތުމަށް 194 މިލިއަން ރުފިޔާ ހޭދަކުރައްވައިފައިވާ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ސަރުކާރުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތުގައި އަތޮޅުތެރެއަށް އަމާޒުކޮށްގެން މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތަތައް އިތުރަށް ހަރުދަނާކުރެއްވުމުގެ ގޮތުން ޞިއްޙީ މަރުކަޒުތަކަށް ހެޔޮ ބަދަލުތަކެއް ގެންނަވައި، އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ޑޮކްޓަރުނާއި، ނަރުހުން ހޯއްދަވައިދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިފައިވާކަމަށެވެ.

"ރާއްޖޭގެ ލައިފް އެކްސްޕެކްޓެންސީ މިވަނީ 80 އަހަރަށް މަތިކުރެވިފަ. މިއީ ޞިއްޙީ ދާއިރާއިން ހޯދަވާފައިވާ ކުރިއެރުން ހާމަކޮށްދޭ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ފަރުވާގެ ނިޒާމުގެ ތެރޭގައި ޙަރަކާތްތެރިވާ ނަރުހުންނާއި ޑޮކްޓަރުންނަކީ ދިވެހި ޑޮކްޓަރުންނަށްވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުން ޞިއްޙީ ޚިދުމަތްތައް ފުޅާކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތުން އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ރާއްޖޭގެ ޞިއްޙީ ފަރުވާގެ ނިޒާމަށް އަންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން ކެންސަރާއި، ކިޑްނީ ބަލީގެ ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ކީމޯ ތެރެޕީއާއި، ޑަޔަލިސިސް ޚިދުމަތް އިތުރަށް ފުޅާކުރައްވައިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވި.

"ޑަޔަލިސިސްގެ ޚިދުމަތް ރާއްޖޭގެ 5 ސަރަޙައްދަކުން މިހާރު ލިބިދެވޭ. ކެޕޭޝިޓީ ވަނީ 16 އެނދުން 35 އެނދަށް އިތުރުކުރެވިފަ." – ހެލްތް މިނިސްޓަރ

މިނިސްޓަރ ވިދާޅުވީ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށާއި، ރައީސް ޔާމީންގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ޞިއްޙީ ދާއިރާއާ ގުޅުން ހުރި 20 ލަނޑުދަނޑި ހިމެނުމުން އެކަން ދޭހަވާކަމަށެވެ. އަދި މިހާރު އެލަނޑުދަނޑިތަކުގެ ބޮޑުބައެއް ޙާޞިލްވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.