ޚަބަރު

ރައީސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު އާދީއްތަދުވަހު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑިޔާގެ ނިއުދިއްލީއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެޕްރީލް ދިހައެއްވާ އާދިއްތަ ދުވަހު ފުރާވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫންއާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ 3 މެމްބަރަކު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ރައީސާއި އަދި ބޮޑުވަޒީރުގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް ގެ މިނިސްޓަރާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރަކީ ދިވެހިރާއްޖެއާއި އިންޑިޔާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުނު އަހަރުކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އިންޑިޔާއަކީ ރާއްޖެއާއި ސިޔާސީ ގުޅުން ޤާއިމްކުރި ތިން ވަނަ ޤައުމެވެ. ދިވެހިރާއްޖެއާއި އިންޑިޔާއަކީ ޒަމާންވީ އެކުވެރި ބަދަހި ގުޅުމެއް ތާރީޙީ ގޮތުންނާއި ޘަޤާފީ ގޮތުން ޤާއިމްވެފައިވާ ދެ ޤައުމެވެ.ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޔާމީން، ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ 2014 ވަނަ އަހަރުގެ ޖަނަވަރީ މަހު އިންޑިޔާއަށް ކަން ފާހަގަކޮށްލެވެއެވެ. އޭގެ ފަހުން އެމަނިކުފާނުވަނީ 2014 ވަނަ އަހަރުގެ މޭ މަހު، ނަރެންދުރަ މޯދީ، އިންޑިޔާގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.

އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައާއި، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައި 15 އަހަރަށްފަހު ބޭއްވެވި ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރާއްޖެ ޒިޔާރަތްކުރައްވާފައެވެ.