ކުޅިވަރު

ޓޮޓްނަމް އަތުން ބްރައިޓަންއަށް ފަސޭހަ މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަސޭހަކަމާއެކު ޓޮޓްނަމް ހޮޓްސްޕާ ބަލިކޮށް، ތާވަލުގެ އަށްވަނައަށް ބްރައިޓަން ކުރިއަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބްރައިޓަންއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބްރައިޓައިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޖެކް ހިންޝެލްވުޑެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޮއާއޯ ޕެޑްރޯ ވަނީ ބްރައިޓަންގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ބްރައިޓަންއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑިފެންޑަރު ޕާވިސް އެސްޓޫޕިނާނެވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި ލިބުނު އިތުރު ޕެނަލްޓީއަކުން ޖޮއާއޯ ޕެޑްރޯ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

އޭގެ ފަހުން ޓޮޓްނަމުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 81 ވަނަ މިނެޓުގައި ޒުވާން ފޯވާޑް އަލެހޯ ވެލިޒް ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޓޮޓްނަމުގެ ދެވަނަ ލަނޑު ޖަހައިދިނީ ޑިފެންޑަރު ބެން ޑޭވިސްއެވެ.

މި މޮޅާއެކު ތާވަލުގެ އަށްވަނައިގައި ބްރައިޓަން އޮތީ ކުޅުނު 19 މެޗުން ލިބުނު 30 ޕޮއިންޓާއެކުއެވެ. އަދި މި މެޗުން ބަލިވި ޓޮޓްނަމް އޮތީ ތާވަލުގެ ފަސްވަނައިގައި 19 މެޗުން ލިބުނު 36 ޕޮއިންޓާއެކުއެވެ.