ޚަބަރު

ވެރިކަމަކީ އުފަލެއް ނޫން، ވަރަށްބޮޑު ޒިންމާއެއް އަދި އަމާނާތެއް: ރައީސް


  • ރައީސް މިހެން ވިދާޅުވީ އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން ދެއްވި ނަޞޭޙަތަކަށްފަހު

  • އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާނަކީ ރައީސްގެ މުދައްރިސެއް

  • ރައީސަކީ މަޑުމައިތިރި ހިތްހެޔޮ މިޒާޖެއްގެ އަޚްލާޤު ރަނގަޅު ދަރިވަރެއްކަމަށް ޝުޢައިބު ވިދާޅުވި

ވެރިކަމަކީ އުފަލެއް ނޫންކަމަށާ، އެއީ ވަރަށްބޮޑު ޒިންމާއެެއް އަދި އަމާނާތެއް ކަމަށް އަބަދުވެސް ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 61ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އަޑުން ގެނެސްދިން ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ މުދައްރިސެއްކަމަށްވާ އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން ދެއްވި ނަޞޭހަތަކާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ. އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން ވަނީ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމަށް ފޯނުން ގުޅުއްވައި ރައީސް ޑރ.މުޢިއްޒާ ވާހަކަފުޅުދައްކަވައި މުދައްރިސެއްގެ ޙައިސިއްޔަތުން ނަޞޭޙަތާއި ބައެއް އިރުޝާދުތައް ދެއްވާފައެވެ. އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާނަކީ ރައީސް ޑރ.މުޢިއްޒުގެ އިސްލާމް މުދައްރިސެވެ.

އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން ވަނީ ކީރިތި ރަސޫލާގެ ޙަދީސްފުޅުތަކުން މިސާލު ދައްކަވައި ރައީސަށް ނަޞޭޙަތާއި އިރުޝާދު ދެއްވާފައެވެ. އެގޮތުން ވެރިކަމަކީ އުފަލެއްކަމަށް ދެކެވަޑައިނުގެންނެވުމަށާއި އެއީ ވަރަށްބޮޑު ޒިންމާއެއްކަމަށް ދެކެވަޑައިގަތުމަށް އިރުޝާދުދެއްވިއެވެ.

މުދައްރިސްގެ ނަޞޭޙަތަށްފަހު ރައީސްވަނީ ޝުކުރުއަދާކުރައްވައި އެކަން ޤަބޫލުފުޅުކުރައްވާކަމަށާ، އެގޮތަށް ޢަމަލުކުރައްވާނެކަމުގެ ޔަޤީންކަން މުދައްރިސް އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާނަށް ދެއްވާފައެވެ. އަދި މުދައްރިސްގެ އިރުޝާދާ އެއްގޮތަށް ޢަމަލުކުރެއްވުމަކީ އަބަދުވެސް ސަމާލުކަން ދެއްވާކަމެއްކަމަށް ވިދާޅުވެފައެވެ.

އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން ވިދާޅުވީ ރައީސް ޑރ.މުއިއްޒަކީ ކިޔަވާވިދާޅުވާން އުޅުއްވި ދުވަސްވަރުވެސް ކްލާހުގެ އެހެން ދަރިވަރުންނާ އަޅާ ބަލާއިރު ވަރަށް މަޑުމައިތިރި ހިތްހެޔޮ މިޒާޖެއްގެ އަޚްލާޤު ރަނގަޅު ދަރިވަރެއްކަމަށެވެ. އަދި ރައީސް ޑރ.މުޢިއްޒަށް އަބަދުވެސް ކުރިއެރުމާއި ހެޔޮގޮތް މިންވަރުކުރެއްވުން އެދޭކަމަށެވެ.