ޚަބަރު

ދިވެހިރާއްޖޭގެ އަޑު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް


  • ޚަބަރާއި މަޢުލޫމާތު ފެތުރުމާއި މުނިފޫހި ފިލުވުމުގައި ދިވެހިރާއްޖޭގެ އަޑަކީ މުހިންމު ވަޞީލަތެއްކަމަށް ރައީސް ވިދާޅުވި

  • މިއަދަކީ ދިވެހިރާއްޖޭގެ އަޑުގެ 61ވަނަ އަހަރީ ދުވަސް

  • އަޑުގެ މިއަދުގެ ބާއްޖަވެރި ހެނދުނެއް، ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި

ދިވެހިރާއްޖޭގެ އަޑު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 61ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އަޑުން ގެނެސްދިން ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

އެހުންތެރިންނަށް ފޯނުން ގުޅައިގެން ޚިޔާލު ފާޅުކުރުމާއި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސުވަލު ދެންނެވުމުގެ ފުރުސަތުވެސް މިއަދުގެ ޕްރޮގްރާމުގައި އޮތީ ހުޅުވާލާފައެވެ. އަޑުގެ އެހުންތެރިޔަކު ފާޅުކުރެއްވި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ އަޑަކީ ވަރަށް މުހިންމު ވަޞީލަތެއްކަމަށެވެ. ޚަބަރާއި މަޢުލޫމާތު ފެތުރުމާއި މުނިފޫހި ފިލުވުމުގައިވެސް ދިވެހިރާއްޖޭގެ އަޑުގެ ދައުރަކީ މުހިންމު ދައުރެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އަޑު އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން އިސްކަންދެއްވާނެ މުހިންމު ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސިގުނަލް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ލިބުމުގައި ދަތިތަކެއް ހުރިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ މަޙްމޫދު އަޙްމަދު ނަމަކަށްކިޔާ ފ.ދަރަނބޫދޫ ބޭފުޅެކެވެ.