މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 7 ވަނަ ޝޯވ މިރޭ


މޯލްޑިވިއަން އައިޑަލްގެ ގަދަ 6 ގައި ވާދަކުރާ ބައިވެރިންގެ ފޯރިގަދަ ހުށައެޅުންތަކާއެކު "ޑިސްކޯ ނައިޓް" މިރޭ އޮންނާނެއެވެ.

ގާލާ ރައުންޑުގެ 7 ވަނަ ޝޯވ ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ. ގަދަ 12 ބައިވެރިންނާއެކު ފެށުނު މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑު މިހާތަނަށް އައިއިރު، މީގެ ތެރެއިން 6 ބައިވެރިޔަކު ވަނީ މި މުބާރާތުން ވަކިވެފައެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 7 ވަނަ ޝޯވ މިރޭ ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ޝޯވގައި ގާލާ ރައުންޑުގެ ގަދަ 6 ގައި މިހާރު ވާދަކުރާ ބައިވެރިންގެ ވަކިވަކި ހުށައެޅުންތައް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. އަދި މިރޭވެސް ޝޯވ ދައްކާ ވަގުތުން ފެށިގެން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށް އެސް.އެމް.އެސް ކުރެއްވޭނެއެވެ.

img:http://s1.psmnews.mv/images/660x400/14600174915387.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ 7 ވަނަ ޝޯވގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

އެގޮތުން އެސް.އެމް.އެސް ކުރެއްވުމުގެ ފުރުސަތު މިރޭގެ ޝޯވދައްކާ ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް ހުޅުވާލެވޭނެއެވެ. ބެލުންތެރިން އެންމެ ގަޔާވާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރެއްވުމަށް MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއެއްގެ ނަން ޖެއްސެވުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރެއްވުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަ ވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ. މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.

ގަދަ 12 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ޝޯވތައް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 6 ބައިވެރިއަކު ވަނީ މި ޝޯވއިން ވަކިވެފައެވެ. އެބައިވެރިންނަކީ، މުހައްމަދު އިފްހާމް އަޝްފާޤު، ފާތުމަތު ނައްބަތު، އަހުމަދު ނަޒީޙު، ފާތުމަތު އަޒްލީމާ، ޢިބްރާހިމް އަމާން އަދި ޢަބްދުﷲ ސޯދިޤެވެ.

ގާލާ ރައުންޑުގެ ޝޯވތަކުގައި ބައިވެރިން ލަވަ ހުށައަޅައިދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކަށްވެސް ކަނޑައަޅާ ވަކި ތީމަކަށެވެ. އެގޮތުން ގާލާ ރައުންޑުގެ ފުރަތަމަ ޝޯވގައި އެ ބައިވެރިއަކަށް އެންމެ ރީތި ލަވަ ހުށައަޅާދީފައިވާއިރު، ދެވަނަ ޝޯވގައި ބައިވެރިންގެ ފަރާތުން ފެނިގެންގޮސްފައި ވަނީ 1980 ގެ އަހަރުތަކުގައި ދިވެހިންގެ ތެރޭގައި މަޝްޙޫރުވެގެން ދިޔަ ހިތްގައިމު ރީތި ލަވަތަކެވެ. 3 ވަނަ ޝޯވ ޚާއްސަ ކޮށްފައިވަނީ ދިވެހި ފިލްމުތަކުގައި ހިމެނޭ ލަވަތަކަށެވެ. 4 ވަނަ ޝޯވގައި ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެންދިޔަ އަމިއްލަ ރާގުގެ ހިތްގައިމު ލަވަތަކެއް ބައިވެރިން ހުށައަޅާދީފައިވޭ. އަދި 5 ވަނަ ޝޯވ"ޑެޑިކޭޝަން ނައިޓް" މި ތީމަށް ޚާއްސަކޮށްފައިވާއިރު، މިދިޔަ ހަފުތާގެ ޝޯވ ޚާއްސަކޮށްފައިވަނީ އޮލިމްޕިއަންސް ބޭންޑުން ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދި މަޝްހޫރު ލަވަކިޔުންތެރިޔާ ޢިބްރާހިމް ހަމްދީގެ ލަވަތަކަށެވެ.

img:http://s4.psmnews.mv/images/660x400/14600175179227.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ 7 ވަނަ ޝޯވގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް އެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި މޯލްޑިވިއަން އައިޑަލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް އެޗްޑީކޮށް މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.