ސިއްހަތު

''ސްޓެޕް އަޕް'' ކެމްޕޭން ލޯންޗުކޮށްފި


މިއަދު ފާހަގަކުރަމުުންދާ ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅުވައިގެން، ހެލްތް މިނިސްޓްރީން ''ސްޓެޕް އަޕް'' ކެމްޕޭންގެ ނަމުގައި ޚާއްސަ ކެމްޕޭނެއް ފަށްޓަވައިފިއެވެ.

މި ކެމްޕޭނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކަސްރަތުކުރެއްވުމުގެ މުޙިންމުކަމަށް އަންގައިދިނުމުގެ ގޮތުން، ޢިމާރާތްތަކުގެ ލިފްޓު ބޭނުންކުރުމުގެ ބަދަލުގައި ސިޑި ބޭނުންކުރެއްވުމަށް ބާރު އެޅުމުގެ ގޮތުން ފެއްޓެވި ކެމްޕޭނެކެވެ. ސްޓެޕް އަޕް ކެމްޕޭން ފަށްޓަވައި ދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ދުނިޔޭގެ އާބާދީގެ އަށްޑިހަ އިންސައްތަ މީހުންނަަށް ޅަ އުމުުރުގައި މަރުވުން ނޫނީ ނުކުޅެދުންތެރިކަން މެދުވެރިވުމަށް ދިމާވާ މައިގަނޑު ހަތަރު ބަލީގެ ތެރޭގައި ހަކުރު ބަލި ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގައި ނުވަވަނަޔަށް އެންމެ ގިނައިން މީހުން މަރުވާ ބައްޔަކީވެސް ހަކުރު ބަލި ކަމަށް މިނިސްޓަރ ފާހަގަކުރެއްވި. މިނިސްޓަރ ވިދާޅުވީ، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ދިރިއުޅުމުގެ އާދަކާދާތަށް ހުންނަ ގޮތުން ޖެހޭ ބަލިތަށް ޖެހުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުއްވުމަށް އެދިވަޑައިގެންނެވިއެވެ. 

މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެން ވާހަކަފުޅުދައްކަވަމުން ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ.އަރްވިންދު މާތުރު ދެއްކެވި ވާހަކަފުޅުގައި، ހަކުރު ބަލީގައި ދުނިޔޭގެ އެތަށް ބަޔަކު މަރުވަމުންދާކަން ފާހަގަކުރެއްވިއެވެ. ''ސްޓެޕް އަޕް'' ކެމްޕޭން ފަށްޓަވައި ދެއްވުމަށް ފަހު ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްއާއި ހެލްތް މިނިސްޓްރީގެ މުވައްޒަފުން ވަނީ ހެލްތް މިނިސްޓްރީ ހިނގަމުން އަންނަ އިމާރާތް ރޯޝަނީ ބިލްޑިންގ ގެ އަށްވަނަ ފަންގިފިލާއަށް އަށް ސިޑިން އަރާފައެވެ.