ޚަބަރު

ޢިމްރާންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި


ޝައިޚް ޢިމްރާން އަބުދްﷲ 12 އަހަރަށް ޖަލަށްލެއްވުމަށް ކުރެއްވި ޙުކުމްގެ އިސްތިޢުނާފް މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމަވާލައްވައިފިއެވެ.

އިމްރާންގެ ފަރާތުން އިސްތިޢުނާފްކުރި މައްސަލާގައި ބާރަ ނުކުތާއެއް ހުށައަޅާފައިވެއެވެ. މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުމުގައި ޖަވާބްދާރީވަމުން ޢިމްރާންގެ ވަކީލުން ވިދާޅުވީ މޭ އެއްވަނަދުވަހު ކުރެއްވި މުޒާހަރާގައި ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަށް ބަޔަކު ވަނީ ޢިމްރާންގެ އަންގައިގެންކަން ސާބިތުވާ ސަބަބެއް ދަށުކޯޓްގެ ޙުކުމްގައި ފާހަގަކޮށްފައި ނުވާކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވިކަން އިޢުލާންކުރައްވަމުން މައްސަލަ ބައްލަވާ ބެންޗްގެ ރިޔާސަތުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރެއްވުންކަމަށެވެ.

މިދިޔަ އަހަރުގެ މޭމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތަކުން މާލޭ ކުރި މުޒާހަރާގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ޓެރަރިޒަމް ކުށް ސާބިތުވެ ބާރަ އަހަރަށް އިމްރާން ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ޙުކުމްކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ސޯޅަވަނަދުވަހުގެރެއެވެ.