އަތޮޅުތަކުގައި ޞިއްޚީ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި މާލެއާއި އަތޮޅުތަކުގައިވެސް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރައްޔިތުންނަށް ވީހާވެސް ގާތުން ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދެއްވުމުގެ މަޤްޞަދުގައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މިއަހަރާއި މިދިޔައަހަރުވެސް ބޮޑެތި މަޝްރޫޢުތަކެއް ވަނީ ކުރިޔަށް ހިންގަވާފައިވެއެވެ. އެގޮތުން ތެލެސީމިޔާ ސްކްރީނިންގ ޚިދުމަތް މާލެއެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގައި ވަނީ 2015 ވަނައަހަރު ވަނީ ތަޢާރަފްކުރައްވާފައިވެއެވެ. އަދި މިއަހަރު 5 ހޮސްޕިޓަލެއްގައި ތެލެސީމިޔާ ސްކްރީނިންގ ކުރުމަށް ބޭނުންވާ މެޝިނަރީޒް ފޮނުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މެމޮގްރަފީގެ ޚިދުމަތް ފަސް ހޮސްޕިޓަލެއްގައި ވަނީ ތަޢާރަފްކުރައްވައި، ޚިދުމަތް ދެއްވަން ފަށްޓަވާފައެވެ.
ޑައިލިސިސްގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން 5 ހޮސްޕިޓަލެއްގައި ވަނީ ޑައިލިސިސްގެ ޚިދުމަތް މިދިޔަ އަހަރު ތަޢާރަފްކުރައްވާފައެވެ.
އިންޓެންސިވް ކެއަރ ޔުނިޓް ނުވަތަ އައިސީޔޫގެ ޚިދުމަތްވެސް ރަނގަޅު ފެންވަރެއްގައި ދެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން މިދިޔައަހަރު ވަނީ 5 ހޮސްޕިޓަލެއްގައި މި ޚިދުމަތް ތަޢާރަފް ކުރައްވައި، ޚިދުމަތް ދެއްވަން ފަށްޓަވާފައެވެ. ޑެންޓަލް ސަރވިސްގެ ޚިދުމަތް މިދިޔަ އަހަރު 5 އަތޮޅު ހޮސްޕިޓަލެއްގައި ވަނީ ދެއްވަން ފަށްޓަވާފައިވެއެވެ.
މި ޚިދުމަތްތަކުގެ އިތުރުން ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގައި ޞިއްޙީ ހިދުމަތް ދެއްވުމަށް ބޭނުންވާ މެޝިނަރީޒްއާއި އެހެނިހެން ވަޞީލަތްތައް ޤާއިމްކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ސްކޭން މެޝިން ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލެއްގައި ބަހައްޓަވާފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޑިޖިޓަލް އެކްސްރޭ މެޝިން ލެވްލް 1 ގެ ހޮސްޕިޓަލްތަކުގައި ބަހައްޓާފައިވާކަމަށްވެސް ހެލްތް މިނިސްޓްރީން ހާމަކުރައްވައެވެ. އަދި 12 ޕޯޓަބަލް އެކްސްރޭ މެޝިން އެކި ހޮސްޕިޓަލްތަކަށް ފޮނުއްވާފައިވާކަމަށްވެސް ހެލްތް މިނިސްޓްރީން ހާމަކުރައްވައެވެ. މީގެ އިތުރުން ލެބޯޓްރީތަކުގައި ބޭނުންކުރާ ކެމިސްޓްރީ އެނެލައިޒަރ ހުރިހާ ހޮސްޕިޓަލްތަކަށް މިހާރު ފޮނުއްވާފައިވާކަމަށް ވެސް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން ހެލްތް ފެސިލިޓީޒް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ހެލްތް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުނެވެ.