ސިއްހަތު

ހަކުރު ބައްޔަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފި


މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން، ހުޅުމާލެ ހޮސްޕިޓަލްގައި އާންމުންނަށް ހުޅުވާލައިގެން ހަކުރުބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ ސިއްޙަތު ދުވަހާއި ގުޅިގެން މިއަހަރުގެ ތީމް ކަމަށްވާ '' ބީޓް ޑައިބެޓިކްސް '' ދިރިއުޅުމުގެ އާދަތަށް ގެންގުޅޭ ގޮތުގެ ސަބަބުން ދިމާވާ ބަލިތަކާ އަދި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަން ކަމަށް ޙޭލެންތެރިކުރުވުން ކަމަށް ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަ ކުންފުނިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އާސަންދަ ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖަރ ޢާއިޝަތު ޒަމީރާ ވިދާޅުވީ، މިއަދަކީ ދުނިޔޭގެ ސިއްޙަތު ދުވަހުގެ އިތުރަށް ހުޅުމާލޭ ހޮސްޕިޓަލްގެ ބާރަ ވަނަ އަހަރީ ދުވަސް ކަމަށްވުމާއެކު، ޙަރަކާތްތައް ކުރިޔަށް ގެންދަނީ އަހަރީ ދުވަހާވެސް ގުޅުވައިގެން ކަމަށެވެ.

ޒަމީރާ ވިދާޅުވީ، ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދަނީ އެސްޓިއޯއާ ގުޅިގެން ކަމަށާއި ސްކްރީން ކުރުމުގެ ޕްރޮގްރާމް ހެނދުނު އަށަކުން މެންދުރު ބާރަ ޖެހުމާ ހަމަޔަށް ކުރިޔަށްދާނެ ކަމަށެވެ. މީގެ އިތުރުން ލޭގައި ހަކުރު ހުރި މިންވަރު ޓެސްޓުކުރުމާއި، ބަރުދަން ބެލުމާއި، ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު ބެލުމާއި، ލޭގެ ޕްރެޝަރ ބެލުމާއި، ސިއްޙީ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އާސަންދަ ކުންފުނިން މަޢުލޫމާތުދެއެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ޢާޒީ ސްކޫލްގެ ދަރިވަރުންނަށް ވަނީ ބީޓް ޑައިބަޓިކްސް އާއި ބެހޭ ގޮތުން މަޢުލޫމާތު ދީފައެވެ. އަދި ހުޅުމާލޭ ސްކޫލްގެ ގްރޭޑް އެކެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން އުފާވެރި، މަޖާ މާހައުލެއްގައި ''ހޭންޑް ވޮޝް'' ގެ މުޙިންމު ކަމާއި ބެހޭ ގޮތުން މަޢުލޫމާތު ދީ އެކުންދިންނަށް އަމަލީ ގޮތުން އެކަން ކުރާނެ އެންމެ ރަނގަޅު ގޮތް ދަސްކޮށްދިނުމުގެ ޙަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އާސަންދަ ކޮމްޕެނީއިން ބުނެއެވެ. މީގެއިތުރުން ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތަށް މުޅި އަހަރު ތެރޭގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށްވެސް އާސަންދަ ކޮމްޕެނީއިން މައުލޫމާތުދެއެވެ.