އިންޑިޔާގެ އަސްކަރީ މަނަވަރުތަކުން ޢަރަބި ކަނޑުގެ ސަރަޙައްދުގައި ފޯރިމަރަން ފަށާފައިވާ ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ. އިންޑިޔާ ކަނޑާއި ޢަރަބި ކަނޑުގެ ސަރަޙައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައި ވަނީ، އިންޑިޔާގެ ހުޅަނގުދެކުނުން ދަތުރު ކުރަމުންދިޔަ އާގުބޯޓަކަށް ޑްރޯން ޙަމަލައެއް ދީފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ޢަރަބި ކަނޑުގެ ސަރަޙައްދަށް އެ ޤައުމުގެ އަސްކަރިއްޔާގެ ސްޓެލްތް ގައިޑެޑް ޑިސްޓްރޯޔަރ މަރުކާގެ ތިން މަނަވަރު ފޮނުވާފައިވާ ކަމުގައެވެ. މީގެ އިތުރުން، އިންޑިޔާގެ ވައިގެ ސިފައިންގެ އުޅަނދުފަހަރު ވެސް އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ދާނެ ކަމުގައި އެ ވުޒާރާއިން ހާމަކުރިއެވެ. މިއީ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުގެ ޙިޔާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކެކެވެ.
ޑިސެންބަރު 23 ވަނަ ދުވަހު އަސްކަރީ ޑްރޯނެއް ބޭނުން ކޮށްގެން ޙަމަލަ ދީފައި ވަނީ އެމްވީ ކެމް ޕްލޫޓޯގެ ނަން ދީފައިވާ ކެމިކަލް އުފުލާ ޓޭންކަރަކަށެވެ. އެ އުޅަނދަށް ޙަމަލަ ދީފައި ވަނީ އިންޑިޔާގެ ހުޅަނގުދެކުނުގައި އޮންނަ ވޭރާވަލްގެ އައްސޭރިފަށާ 200 ވަރަކަށް ކިލޯމީޓަރު ދުރުން ދަތުރު ކުރަނިކޮށެވެ. މި ޙާދިޡާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވި ނަމަވެސް، އުޅަނދުގައި އަލިފާން ރޯވިއެވެ.
އެމްވީ ކެމް ޕްލޫޓޯއަށް ދީފައިވާ ޙަމަލާގެ ފަހަތުގައި އޮތީ އީރާން ކަމަށް އެމެރިކާއިން ވަނީ ތުޙުމަތު ކޮށްފައެވެ. ނަމަވެސް، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު އަލް-ކަންޢާނީ ވަނީ އެ ތުޙުމަތުތައް ދޮގު ކުރައްވައިފައެވެ. ކަންޢާނީ ވިދާޅުވީ އެމެރިކާގެ ތުޙުމަތުތަކަކީ "އެއްވެސް އޮއްޓަރެއް އަދި ޙަޤީޤަތެއް ނެތް ތުހުމަތުތަކެއް. އެ ފަދަ ތުޙުމަތުތައް ކުރުމުގެ ބޭނުމަކީ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް އެމެރިކާއިން ތާޢީދު ކުރާ ކަން ފޮރުވުން. އެންމެންގެ ލޮލުގައި އަނދުން އެޅުވުން،" ކަމުގައެވެ.
އެމްވީ ޕްލޫޓާ މިހާރު އޮތީ އިންޑިޔާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގައި ބަނދަރު ކޮށްފައެވެ. އިންޑިޔާގެ އަސްކަރިއްޔާއިން ބުނީ، އެ އުޅަނދަށް އަމާޒުކޮށް ދީފައިވާ ޙަމަލާގެ ފުރިހަމަ ތަޙުޤީޤެއް ފަށާފައިވާ ކަމުގައެވެ. މިހާތަނަށް އެއްކުރެވިފައިވާ މަޢުލޫމާތު އަލީގައި، އެ އުޅަނދަށް ޙަމަލަ ދީފައި ވަނީ ޑްރޯނެއް ބޭނުން ކޮށްގެން ކަން ސާފުވެފައިވާ ކަމުގައި އިންޑިޔާއިން ބުނެއެވެ. ނަމަވެސް، އެއީ ކޮން މަރުކާއެއްގެ ޑްރޯނެއްތޯ ކަށަވަރު ކުރުމަށް އިތުރަށް ދިރާސާ ކުރަމުންދާ ކަމުގައި ވެސް އިންޑިޔާގެ އަސްކަރިއްޔާއިން ބުނެއެވެ.
ކެމް ޕްލޫޓޯއަކީ ލައިބީރިޔާގެ ދިދައިގެ ދަށުން ދަތުރުކުރާ ޖަޕާނުގެ އުޅަނދެކެވެ. އެ އުޅަނދު ދުއްވަނީ ކުރަނީ ނެދަރލެންޑްސްގެ ކުންފުންޏަކުންނެވެ. އެ އުޅަނދަށް ޙަމަލަ ދީފައި ވަނީ، ޔަހޫދީންނާ ގުޅުން އޮތް އުޅަނދަކަށް ވާތީ ކަމަށް ބެލެވެއެވެ. ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އުޅަނދުފަހަރަށް ޔަމަނުގައި ޙަރަކާތްތެރިވާ ހޫޘީ ޖަމާޢަތުން ވެސް ދަނީ ޙަމަލަތައް އަމާޒު ކުރަމުންނެވެ. ހޫޘީންގެ މި ޙަމަލަތަކަކީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުން ދެމުންދާ ޙަމަލަތަކެކެވެ.