މެދުކެނޑުމެއް ނެތި ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ރަޙުމު ކުޑަ ޙަމަލަތަކުގައި ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެކަނިވެސް ފަލަސްޠީނުގެ 250 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވަނީ މަޣާޒީ ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ޙަމަލަތަކުގައެވެ.
"އަޅުގަނޑުގެ ޢާއިލާގެ ހުރިހާ މެންބަރުން ޝަހީދު ކޮށްލައިފި. އަޅުގަނޑުގެ ފަސް ބެއިން ނެތިކޮށްލައިފި. ހުރިހާ އެންމެން ޤަތުލުކޮށްލި،" މަޣާޒީ ރެފިއުޖީ ކޭމްޕަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލަތަކުގައި ޢާއިލާގެ ހުރިހާ މެންބަރުން ޝަހީދުވެފައިވާ އަންހެނަކު ބުންޏެވެ. މަޣާޒީ ރެފިއުޖީ ކޭމްޕަކީ ޣައްޒާގެ މެދުތެރޭ ސަރަޙައްދުގައި އޮންނަ ކޭމްޕެކެވެ. އެ ސަރަޙައްދަށް ދެމުންދާ ޙަމަލަތައް ޔަހޫދީ ފައުޖުން ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ.
ފަލަސްޠީނުގެ އޮފިޝަލުން ވިދާޅުވީ، މަޣާޒީ ކޭމްޕަށް ދީފައިވާ ޙަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމުގައެވެ. އަދި، ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 100 އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ.
ޣައްޒާގެ މީޑިޔާއާ ބެހޭ އޮފީހުން ބުނީ މަޣާޒީ ކޭމްޕަށް ދިން ޙަމަލާގައި ހަތް ޢާއިލާއެއްގެ ހުރިހާ މެންބަރުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. "ޔަހޫދީ ފައުޖުން ފަލަސްޠީނުގެ މުސްލިމުންނަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ،" މަޣާޒީ ކޭމްޕުގައި ދިރިއުޅޭ މީހެއް ކަމުގައިވާ ޒިޔާދް ޢަވްޟާ ބުންޏެވެ. މަޣާޒީއަށް ދީފައިވާ ޙަމަލަތަކަކީ ފަހުގެ ތާރީޚެއްގައި ޔަހޫދީ ފައުޖުން ދީފައިވާ އެންމެ ބޮޑު ޙަމަލަ ކަމުގައި ޣައްޒާގެ އޮފިޝަލުން ވިދާޅުވިއެވެ.
މަޣާޒީ ކޭމްޕުގެ އިތުރުން ޔަހޫދީ ފައުޖުން ވަނީ ޚާން ޔޫނިސާއި، އަލް-ބުރަޔިޖުގެ އިތުރުން އަލް-ނުޞައިރާތަށް ވެސް ވަރުގަދަ ޙަމަލަތަކެއްދީ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލަތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 500 އަށްވުރެ އިތުރުވާނެ ކަމުގައި ޣައްޒާގެ އޮފިޝަލުން ވިދާޅުވިއެވެ.