ޚަބަރު

އެކިކަހަލަ އޮއިވަރުތަކުން ސަލާމަތްވުމުގައި ވެސް އެއްބައިވަންތަ ވާންޖެހޭ: އާދަމް ނަޞީރު


  • މޫސުމީ ބަދަލުތައް ފަދައިން އިޖުތިމާޢީ އަދި ފިކުރީ ބަދަލުތަކުންވެސް ސަލާމަތްވާންޖެހޭ

  • ސިޔާސީ ބައިބައިވުމުގެ ސަބަބުން އެއްބައިވަންތަކަމަށް އަސަރުކުރޭ

  • ސުނާމީގެ ގެއްލުމުން އަރައިގަނެވުނީ ދިވެހިންގެ އެއްބައިވަންތަކަމުން

ރާއްޖެއަށް އަންނަ އެކިކަހަލަ އޮއިވަރުތަކުން ސަލާމަތްވެ ދިވެހީން ދިވެހީންގެ ގޮތުގައި ތިބުމަށް މަސައްކަތްކުރަން ޖެހޭކަމަށް ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް އިސްކަންދޭފަދައިން ނޭދެވޭ އިޖުތިމާޢީ އެކިއެކި ބަދަލުތަކާއި ފިކުރީ ބަދަލުތަކުން ސަލާމަތްވުމަށްވެސް އެއްބައިވަންތަވާން ޖެހޭކަމަށެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްވަނީ ސުނާމީން ދަސްކޮށްދިން ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވަނީ ސުނާމީއަކީ ރާއްޖެއާ އެތައް ހާސް މޭލެއް ދުރުގައި އޮތް އިންޑޮނޭޝިއާގެ ސުމަތްރާގެ ކަނޑުގެ އަޑިއަށް އައި ބިންހެލުމެއްގެ ސަބަބުން ދިވެހިން އުފުލި ހިތްދަތި އަދި ގެއްލުން ބޮޑު ތަޖުރިބާއެއްކަން ފާހަގަކުރައްވާފައެވެ. ހަމަ އެފަދައިން އިޖުތިމާޢީ ގޮތުންނާއި ފިކުރީ ގޮތުން އެތައް ނުރައްކަލެއް ރާއްޖެއަށް ކުރިމަތިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިފަދަ ބަދަލުތަކާމެދުވެސް ސަމާލުވެ ތިބުމަށް ވަޒީރުވަނީ އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑުމެންގެ އިޖުތިމާޢީ ވެށްޓަށްވެސް، މިދެންނެވި ބާވަތުގެ ކަންކަން އަޅުގަނޑުމެންގެ ގުޅުންތަކަށް އަދި އަޅުގަނޑުމެންގެ އާދަކާދައާއި ޘަޤާފަތުގެ ތެރޭގައި އަޅުގަނޑުމެން ތަޖުރިބާ ނުކުރާކަންކަން އެހެން މާދުރު ހިސާބުތަކުގައި ރޭވިގެން ހިނގާ ކަންކަމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ފޯރާ. އެކަމުން ސަލާމަތްވެ ތިބެން އަޅުގަނޑުމެން ޖެހޭނެ." ވަޒީރު ވިދާޅުވިއެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ދާޚިލީ ވަޒީރު ޢަލީ އިޙުސާން ވެސް ވަނީ މުހިންމު މެސެޖެއް ދެއްވާފައެވެ. ދާޚިލީ ވަޒީރު ވިދާޅުވީ ސިޔާސީ ބައިބައިވުންތަކާއި ދޭދޭ މީހުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ޤައުމީ އެއްބައިވަންތަކަމަށް އަސަރުކުރަމުންދާކަމަށެވެ.

"ދިވެހީންވަނީ އެދުވަހު އާދަޔާ ޚިލާފު ހިތްވަރަކާއި އެއްބައިވަންތަކަމެއް ދައްކައިދީފައި. އެގެފަހުން އައި ކޮންމެ އެއްބައިވަންތަކަމުގެ ދުވަހެއްގައި އެހިތްވަރު ނެރުނު ދުވަހެއް. އެހެންނަމަވެސް މިހާރު ހިތާމައާއެކު ފާހަގަކުރަންޖެހެނީ މިހާރު އޮތް ޙާލަތުގައި ސިޔާސީ ބައިބައިވުންތަކާއި ދޭދޭ މީހުންގެ ދޭތެރޭގައި ޖެހޭ މައްސަލަތަކާއި ގުޅުންތަކަށް އަރާ ބުރުތަކުން އެއްބައިވަންތަކަމަށް އަސަރުކުރޭ." ވަޒީރު ވިދާޅުވިއެވެ.

އެއްބައިވަންތަކަމުގެ ދުވަހު މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައި ޒުވާނުންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު (އަސްވާޑު)ވެސް ފާހަގަކުރައްވާފައިވަނީ، ސުނާމީ ކާރިޘާގައި ޤައުމަށް ލިބުނު ބޮޑު ގެއްލުމުން އަރައިގަތުމުގެ އެންމެ ބޮޑު ބާރަކީ ދިވެހީންގެ އެއްބައިވަންތަކަން ކަމުގައެވެ.

"19 އަހަރު އެހަނދާންތަކާއެކު އަޅުގަނޑުމެން ގުނަމުންދާއިރު އަޅުގަނޑުމެން ދަސްކުރީ އެފިލާވަޅު. އަޅުގަނޑުމެނަށް ޤައުމީ ބޮޑު ކާރިސާއެއްވެސް އަދި އެކަކު އަނެކަކަށް ދިމާވާ ކަމެއްގައިވެސް، ޢާއިލާއާއި ރަޙުމަތްތެރިންނާއި އޮފީސް މާޙައުލުގައިވެސް ޖެހޭ ކަންކަމުގައިވެސް އަޅުގަނޑުމެނަށް ކުރިއަށްދެވޭނީ އެއްބައިވަންތަކަން އިސްކޮށްގެން." ވަޒީރު ވިދާޅުވިއެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ޙަރަކާތްތައް ބާއްވާފައެވެ. ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ 2004ވަނަ އަހަރު ގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު އެރި ސުނާމީ ކާރިޘާގެ ހިތާމަވެރި ވަގުތު ދިވެހިން ދައްކުވއިދިން އާދަޠާޚިލާފު އެއްބައިވަންތަކަށް ފާހަގަކޮށް އެކަން ދެމެހެއްޓުމުގެ ގޮތުންނެވެ.