މީގެ 19 އަހަރުކުރިން 2004ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި ދިވެހިންގެ ފަރާތުން ފެނިގެންދިޔައީ އާދަޔާ ޚިލާފު އެއްބައިވަންތަކަމެކެވެ. ހިތާމައިގެ ވަގުތު އެކަކު އަނެކަކަށް އެވީވުމައި މަދަދު ފޯރުވުމާއި ދަރުމަވެރިކަމުގައި ދިވެހިން ދައްކުވައިދިން ނަމޫނާއަށް ބައިނަލްއަޤުވާމީ ދުނިޔޭގެ ތަޢުރީފުވެސް ވަނީ ރާއްޖެއަށް ލިބިފައެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 26ވަނަ ދުވަސް ދިވެހިން ފާހަގަކުރަމުން އަންނަނީ ދިވެހިންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.
މިއަހަރުވެސް ރާއްޖޭގައިވަނީ ކުލަގަދަކޮށް މިދުވަސް ފާހަގަކޮށްފައެވެ. ދުވަހާ ގުޅިގެން ޤައުމުގެ އިސްވެރިންނާއި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންވެސް ވަނީ ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަމުގެމައްޗަށް ޝުޢޫރު ފާޅުކުރައްވާފައެވެ.
ކުރިީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްއާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، ކުރީގެ ނައިބްރައީސް ފައިޞަލް ނަޞީމްވެސް ވަނީ ދުވަހުގެ ތަޙުނިޔާ ފޮނުއްވައި ޝުޢޫރު ފާޅުކުރައްވާފައެވެ. ރައީސް މައުމޫން "އެކްސްގައި" ކުރެއްވި ޕޯސްޓުގައި ވިދާޅުވީ 2004ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26ވަނަ ދުވަސް ފާއިތުވެދިޔައީ ބިރުވެރިކަމާއި ހިތްދަތިކަމުގެ ޝުޢޫރުތަކަކަށްފަހު ޤައުމީ އެކުވެރިކަމުގެ މަތިވެރި އިޙުސާސް ތަކެއް ގެނެސްދީފައިކަމަށެވެ.
2004 ޑިސެންބަރު26 ވަނަދުވަސް އަޅުގަނޑުމެންނާވަކިވެގެންދިޔައީ ބިރުވެރިކަމާއިހިތްދަތިކަމުގެ ޝުޢޫރުތަކަކަށްފަހު ޤައުމީ އެކުވެރިކަމުގެ މަތިވެރިއިޙުސާސް ތަކެއް ގެނެސްދީފައި. މިހަނދާންތަކާއެކު ޤައުމީ އެއްބައިވަންތަކަމުގެދުވަހުގެ ތަހުނިޔާ ލޮބުވެތިދިވެހިރައްޔިތުންނަށް ދަންނަވަން pic.twitter.com/MEHG51JMa0
— Maumoon Abdul Gayoom (@maumoonagayoom) December 26, 2023
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްވެސް ވަނީ ދުވަހުގެ ތަޙްނިޔާ ފޮނުއްވައި ސުނާމީ ކާރިސާގައި ގެއްލުނު މީހުންގެ ޒިކުރާ އާކުރައްވާފައެވެ. އެދުވަހު ދިވެހިން ދެއްކި އަޚުވަންތަކަމާއި ހިތްވަރުގެ ހަނދާން ރައީސް ޞާލިޙް ވަނީ އާކުރައްވާފައެވެ. އަދި އަޅުގަނޑުމެންނަކީ އަބަދުވެސް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ޤައުމީ މަސްލަހަތު އިސްކުރާބައެއްކަމުގައި ލެއްވުން އެދި އެމަނިކުފާނުވަނީ ދުޢާކުރައްވާފައެވެ.
އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ސުނާމީ ކާރިސާގައި ގެއްލުނު ފުރާނަތަކުގެ ޒިކުރާ އާކޮށް، އެދުވަހު ދެއްކި އަޚުވަންތަކަމާ ހިތްވަރުގެ ހަނދާން އާކުރަން. އަޅުގަނޑު މެންނަކީ އަބަދުވެސް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ޤައުމީ މަސްލަހަތު އިސްކުރާބައެއް ކަމުގައި ލައްވާށި.
— Ibrahim Mohamed Solih (@ibusolih) December 26, 2023
ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ އެއްބައިވަންތަކަމުގެ ދުވަހު ރައްޔިތުން ދެއްކީ އަޚްވަންތަކަމާއި ގަދަފަދަ އެކުވެރިކަމެއްކަމަށެވެ. އަދި ސުނާމީ ކާރިޘާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ އެންމެހައި ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާކުރައްވާފައެވެ.
އެއްބައިވަންތަކަމުގެ ދުވަހު ރައްޔިތުން ދެއްކީ އަޙްވަންތަކަމާއި ގަދަފަދަ އެކުވެރިކަން،ސުނާމީ ކާރިސާގައި އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ އެންމެހާ ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތް ﷲ މިންވަރު ކުރައްވާށި! ރައްޔިތުން، އަބަދުމެ އެކުވެރިކަންމަތީ ލަހައްޓަވާށި. أمين
— Faisal Naseem (@FaisalNasym) December 26, 2023
ސުނާމީގެ ބިޔަ ރާޅުތަކަކީ ދިވެހި އެތައް އާއިލާއެއްގެ ދިރިއުޅުން މުޅިން ސުންނާފަތިކޮށްލި ބިރުވެރި ރާޅުތަކެކެވެ. މި ބިރުވެރި ކާރިޘާގައި ދިވެހިންގެ ތެރެއިން 82 މީހަކު ނިޔާވެ، 26 މީހަކު ވަނީ ގެއްލިފައެވެ. 23 ރަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ތެރެއިން 4 ރަށެއް މުޅިން ސުންނާފަތިވިއެވެ. 15000 މީހުންގެ ގެދޮރުގެއްލުނެވެ. 13 ރަށަކުން މުޅިން މީހުން ހުސްކޮށް، އެހެން ރަށްރަށަށް ބަދަލުކުރަން ޖެހުނެވެ.
މިހާދިސާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީފޯރުކޮށްދިނުމާއި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި ކާބޯތަކެތި ފޮރުކޮށްދިނުމަށް ދިވެހިން ދެއްކީ އެއްބައިވަންތަކުމުގެ ފުރިހަމަ ނަމޫނާއެވެ. އެދުވަހު ދިވެހިން ދިޔައީ އެމީހަކަށް ލިބުނީ ކިތައްމެ ކުޑަމިންވަރަކަށް ވިޔަސް އެއިން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.