ޚަބަރު

ޔަހޫދީންގެ ފަސް އަސީރުން މަރުވެއްޖެ


ޣައްޒާގެ ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީންގެ ފަސް އަސީރުން ޣައްޒާގެ އުތުރުގައި ހުރި ބިންގަރާހަކާ ގުޅިފައިވާ ކޮޓަރިއެއްގައި މަރުވެފައި ތިއްބައި ފެނިއްޖެއެވެ.

އެ ފަސް މީހުންނަކީ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ޙަމާސުން ރަހީނުކުރި 240 މީހުންގެ ތެރޭގައި ހިމެނޭ ޔަހޫދީ އަސްކަރިއްޔާގެ 3 މީހުންނާއި ޢާންމުންގެ 2 މީހުންނެވެ. އެ މީހުން މަރުވީ ކިހިނެއް ކަމެއް ސާފެއްނުވެއެވެ.

ޔަހޫދީ އަސްކަރިއްޔާއިން ބުނާ ގޮތުން އެ މީހުން މަރުވެފައި ތިއްބައި ފެނުނީ ކޮންކްރީޓުން ހަދައިފައިވާ އަނދިރި ބިންގަރާހަކާ ގުޅިފައިވާ ހުދު މުށި ޖަހާފައިހުރި ފާޚާނާއަކާއެކު ހުރި ކޮޓަރިއެއްގެ ތެރެއިންނެވެ. ޔަހޫދީ އަސްކަރިއްޔާއިން ވަނީ މަރުވެފައި ތިބި މީހުން ފެނުނު ކަމަށްބުނާ ތަނުގެ ވީޑިއޯއެއް ވެސް ޢާންމުކޮށްފައެވެ.

ޙަމާސުން ރަހީނުކޮށްފައިވާ ޔަހޫދީންގެ ތެރެއިން ތިން މީހަކު ދިރި ތިއްބައި ފެންނަ ވީޑިއޯއެއް މިދިޔަ ހަފުތާގައި އެ ޖަމާޢަތުން ވަނީ ޢާންމުކޮށްފައެވެ. އެ ވީޑިއޯގައި ވެސް ފެންނަނީ ހުދު ކުލައިގެ ތަށިމުށި ޖަހާފައިވާ ކުޑަދޮރު ނެތް ކޮޓަރިއެއްގައި އެ ތިން މީހުން ތިބި ތަނެވެ.

ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޙަމާސްގެ ބެލުމުގެ ދަށުގައިވާ ރަހީނުން މަރުވެފައިވާ ކަމަށް މީގެ ކުރިން އެ ޖަމާޢަތުން ވަނީ ބުނެފައެވެ.