ޚަބަރު

އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ ބިޔަ މަޝްރޫޢު ފައްޓަވައިފި


އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިފިއެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ މި ބިޔަ މަޝްރޫޢު ފައްޓަވައިދެއްވީ، އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމެވެ. މިރަސްމިއްޔާތުގައި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެވިގެންދާނެ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވާއިރު، އެއަރޕޯޓްގެ މޮޑިއުލްއެއްވެސް ވަނީ ދައްކާލާފައެވެ. ގާތްގަނޑަކަށް 800 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރައްވައިގެން ސަރުކާރުން ކުރިއަށްގެންދަވާ މި ބިޔަ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕާއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވީ، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢާއެކު ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވި މިނުގައި ކުރިއަށްގެންދިޔުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ކުރައްވަމުންދާ މަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދު ޒަމާނީ އިޤްތިޞާދަކަށް ހެއްދެވުންކަމަށާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއެކު މުޅި މާލޭ ސަރަޙައްދު ހިމެނޭހެން އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެކަމަށާއި، މިކަމުގެ ސަބަބުން އެތައްހާސް ޒުވާނުންތަކަކަށް ވަޒީފާގެ އިތުރު ފުރުސަތުތަކެއް ހުޅުވާލެވިގެންދާނެކަމަށެވެ.

img:http://s4.psmnews.mv/images/660x400/14599668350491.jpg|އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަޝްރޫއު ފެއްޓެވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމިން ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ ރާއްޖޭގެ އިޤްތިސާދު ހަރުދަނާކޮށް، އުމްރާނީ ގޮތުން ބޮޑެތި ތަރައްޤީތަކެއް ގެނެއުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތަކަށް ޗައިނާ ސަރުކާރުގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދިވެހި ސަރުކާރުން އޮތީ ޗައިނާ ސަރުކާރާއެކު ތަރައްޤީގެ އިތުރު މަޝްރޫޢުތައް ހިންގުމަށް ތައްޔާރަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން މިރޭ އަމަލީ މަސައްކަތް ފެށިގެންގޮސްފައި ވަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެއެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އެއަރޕޯޓުގައި އާ ރަންވޭއެއް އެޅުމާއި، ފިއުލްފަރމް ތަރައްޤީކުރުމާއި، އާ އޭޕްރެން އެއް އެޅުން އަދި ކާގޯ ކޮމްޕްލެކްސްއެއް އެޅުމެވެ. އެއަރޕޯޓް ތަރައްޤީކުރެއްވުމަކީ ސަރުކާރުން މިހާރު އެންމެ އިސްކަންދެއްވާ އެއް މަޝްރޫޢެވެ. މި މަޝްރޫޢަށް ބޭނުންވާ ހުރިހާ ކަންކަމެއް ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި ގެންދަވަނީ ފަހިކޮށްދެއްވަމުންނެވެ. މިކަމަށް ބޭނުންވާ މާލީ ފަހިކަންވެސް ވަނީ ހަމަޖައްސަވައިފައެވެ. އެގޮތުން މި މަޝްރޫޢަށް ހަރަދުވާނެކަމަށް ލަފާކޮށްފައިވާ 800 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 400 މިލިއަން އެމެރިކާ ޑޮލަރު ލުއިލޯނެއްގެ ގޮތުގައި ޗައިނާ ސަރުކާރުން ވަނީ ދެއްވާފައި. އަދި މި މަޝްރޫޢަށް ބޭނުންވާ އިތުރު ފައިސާ ހޯއްދެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންގެންދަވާކަން މިރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ނިޔަލަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަސައްކަތް ނިންމާލުމެވެ. މިތަން ތަރައްޤީކުރެވިގެންދިއުމުން ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް އެއްފަހަރާއި ޚިދުމަތްދެވިގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.