ޚަބަރު

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި


ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް 4 ފަނޑިޔާރަކު އައްޔަންކުރަން ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން މިއަދު ބޭއްވި ޖަލްސާގައި ކްރިމިނަލް ކޯޓަށް ޢައްޔަންކުރަން ނިންމެވީ، ދަފްތަރު ނަންބަރު 3087 އަލްއުސްތާޛު ޢަލީ އާދަމް އާއި ހއ.ކެލާ ދެރަހަ އަލްއުސްތާޛު އާދަމް އާރިފެވެ. ސިވިލްކޯޓަށް ޢައްޔަންކުރަން ނިންމެވީ، ދަފްތަރު ނަންބަރު 2560 އަލްއުސްތާޛު އާދަމް އިބްރާހީމް އިސްމާޢީލް އާއި ސ.ފޭދޫ ބެލޫން އަލްއުސްތާޛާ މަރްޔަމް ވަޙީދެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯއްދަވަން ހުޅުވާލެއްވި ފުރުޞަތުގައި 27 ބޭފުޅަކު ކުރިމަތިލެއްވިކަމަށެވެ. އަދި އޭގެތެރެއިން 26 ބޭފުޅުން ޝަރުޠު ހަމަވާކަމަށާއި މި ބޭފުޅުންގެ 23 ބޭފުޅަކާ އިންޓަރވިއުކުރެއްވިކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯއްދަވަން އިއުލާންކުރެއްވީ އެކޯޓުތަކުގައި ތިއްބެވި ބައެއް ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުވުމާއި ގުޅިގެނެވެ. މިގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޢަބްދުﷲ ދީދީ އާއި ސުޖާޢު އުޘްމާން ހައިކޯޓަށް ބަދަލުކުރައްވާފައިވާއިރު ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯއްދަވަން އިޢުލާން ކުރައްވާފައިވަނިކޮށް އެކޯޓްގެ އިސް ޤާޒީއަކަށް ހުންނެވި ޢަބްދުﷲ މުޙައްމަދު ވަނީ ފެމެލީ ކޯޓަށް ބަދަލުކުރައްވާފައެވެ. އަދި އަމިއްލަފުޅަށް އެދިވަޑައިގެން ކްރިމިނަލް ކޯޓްގެ ދެ ޤާޒީންކަމަށްވާ އަޙުމަދު ސަމީރު ޢަބްދުލް ޢަޒީޒާއި ޢަބްދުﷲ ނަޝީދުވެސް ވަނީ ފެމެލީ ކޯޓަށް ބަދަލުވެވަޑައިގެންފައެވެ.

ދަށުކޯޓަށް ފަނޑިޔާރުން ޢައްޔަންކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުއްވާލެއްވި ފުރުޞަތުގައި ތިން ބޭފުޅަކު އެ މަޤާމަށް ކުރިމަތިލައްވާފައިވެއެވެ.