ޚަބަރު

ރާއްޖޭގެ މަޝްރޫއުތަކަށް އެމެރިކާއިން އަބަދުވެސް އެހީތެރިވާނެ


ރާއްޖެއިން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވުމަށް އެމެރިކާއިން އަބަދުވެސް ތައްޔާރުކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ އަތުލް ކެޝަޕް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު އެމެރިކާ އެމްބަސީން ބޭއްވި ބައްދަލުވުމެއްގައެވެ. ކެޝަޕް ވިދާޅުވީ ރާއްޖޭގައި އެމެރިކާއިން މިހާރުވެސް ގިނަ މަޝްރޫޢުތައް ހިންގާކަމަށާއި އެފަދަ މަޝްރޫޢުތައް ކާމިޔާބުކަމާއެކީ ކުރިޔަށްދާކަމަށެވެ. އެގޮތުން، ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކުގެ ސަބަބުން، ރާއްޖެއަށް ގިނަ ފައިދާތަކެއް ވެފައިވާ ކަމަށްވެސް ކެޝަޕް ފާހަގަކުރެއްވިއެވެ.

މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށްވެސް ކެޝަޕް ވިދާޅުވިއެވެ. އަދި، ސަރަޙައްދީ ގޮތުން ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމަކަށްވުމާއި އަމާންކަމާއި ޞުލްޙަ ޤާއިމްވެފައިވާ ޤައުމެއްގެ ގޮތުގައި އޮތުމަކީ އެމެރިކާއިން ރާއްޖެއާމެދު އުންމީދުކުރާ ތަޞައްވުރެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްބެސެޑަރ ވިދާޅުވީ ވޭތުވެދިޔަ ތިންދުވަހުގެ ތެރޭގައި ސަރުކާރުގެ އިސްބޭފުޅުންނާއި، ސިޔާސީ ފަރާތްތަކާއި، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުންނާއި ނޫސްވެރިންނާ ބައްދަލުކުރެވިފައިވާ ކަމަށެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ގިނަ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ފާހަގަވެފައިވާ ކަމަށްވެސް އެމްބެސެޑަރ ވިދާޅުވިއެވެ.