ޚަބަރު

މީޑިއާގެ ހާލަތު ރަނގަޅުކުރުމުގެ ޤާބިލްކަން ކޮމިޝަނުގައި އެބަހުރި


އަލަށް އެކުލަވާލާފައިވާ ބްރޯޑްކާރސްޓިންގ ކޮމިޝަނަކީ ރާއްޖެ މީޑިއާގެ ހަލާތު ރަނގަޅުކުރުމުގެ ޤާބިލުކަންހުރި ކޮމިޝަނެއްކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ހަލީލު ވިދާޅުވެއްޖެއެވެ. ޚަލީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު މިހަފްތާގައި އަލަށް އެކުލަވާލެވުނު ބްރޯޑްކާރސްޓިންގ ކޮމިޝަނަށް މަރުހަބާދެންނެވުމަށް ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ރައްޔިތުންގެ މަޖިލިހުގެ ރުހުމާއެކު މިހަފްތާގައި އަލަށް އެކުލަވާލެވުނު ބްރޯޑްކާރސްޓިންގ ކޮމިޝަނަށް މަރުހަބާދެންނެވުމަށް ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަލީލު ވިދާޅުވީ، ބްރޯޑްކާރސްޓިންގ ކޮމިޝަނުގެ ޤާނޫނަށް އިސްލާހު ގެންނަން ޖެހޭކަމަށް ދެކެވަޑައިގަންނާވަކަމުގައެވެ. އަދި ކޮމިޝަން ހިންގުމުގެ ކަންކަން ހަރުދަނާކުރެއްވުމަށްވެސް މަސައްކަތްތަކެއް ކުރަންޖެހޭކަން ހަލީލު ފާހަގަކުރެއްވިއެވެ. އެގޮތުން އަލަށް އެކުލަވާލެވުނު ކޮމިޝަނަކީ އެކަންކަން ހާސިލުކުރުމުގެ ޤާބިލުކަން ހުރި ކޮމިޝަނެއްކަން ހަލީލު ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14599537556529.jpg|ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން- ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ، މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް އަރައިގަނެ މީހުންގެ ދިރިއުޅުން ހަލާކުވުމަށް ފުރުސަތު ދެވިގެން ނުވާނެކަމަށެވެ. އެހެންކަމުން ބްރޯޑްކާސްޓިންގެ ކަންކަންވެސް ހުންނަން  ޖެހޭނީ ފުރިހަމަ އުސޫލުތަކާ ހަމަތަކެއްގެ ތެރޭގައި ކަމަށް އިކްރާމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ބްރޯޑްކާރސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވީ، މީޑިއާގެ ކަންކަން ކޮމިޝަނުގެ ތެރެއިން އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އަދި އެކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކުރުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް ޝަހީބް ވިދާޅުވިއެވެ. މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަކީވެސް ޤާބިލު ޢިލްމީ ބަޔަކަށް ވާންޖެހޭކަމަށާއި އެކަމަށްވެސް އެ ކޮމިޝަނުން މަސައްކަތްކުރައްވާކަމަށް ޝަހީބު ވިދާޅުވިއެވެ.މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިފައިވާ ބައެއް ބިލްތަކަށް އިޝާރާތްކުރައްވާ ޝަހީބު ވިދާޅުވީ މި ބިލްތަކުގެ ސަބަބުން ނޫސްވެރިން ޖެހިލުންވާން ނުޖޭހެކަމަށެވެ. ހަމަ މިއާއެކު ބްރޯޑްކާސްޓަރުން ޒިންމާދާރު ކުރުވަން ޖެހޭކަމަށެވެ.

img:http://s2.psmnews.mv/images/660x400/14599537337498.jpg|ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް / ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ޕީއެސްއެމްގެ އިސްވެރިންނާއި ޑިޕާޓްމަންޓްތަކުގެ ވެރިންގެ އިތުރުން ބައެއް މުވައްޒަފުން ބައިވެރިވެފައިވެއެވެ. ރާއްޖޭގައި ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުމުގެ މަޤްސަދުތަކުގެތެރޭގައި، ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ޤަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމާއި ތަންފީޒުކުމާއި، ޑިމޮކްރަސީ އާލާކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ ދާއިރާއެއްގައި އަދި ޒިންމާދާރު ގޮތުގައި ބޭނުންކުރާ ބްރޯޑްކާސްޓަރުން އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އެކަންކަމުގެ އަލީގައި ބްރޯޑްކާސްޓަރުންގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުވައިދިނުމަށާއި އޭގެ އިންފްރާސްޓްރަކްޗަރ މުޅި ރާއްޖެއަށް ފުޅާކުރެވޭނެ މަގު ފަހިކޮށްދިނުމާއި އެފަދަ ނިޒާމުތައް އެކުލަވާލާ ޤާއިމުކުރުން ހިމަނާފައިވެއެވެ.