ހަނގުރާމައިގެ ޙާލަތު އޮތް ޣައްޒާގެ ސިއްޙީ ނިޒާމު ރޫޅިފައިވާ ދަނޑިވަޅެއްގައި ގާތްގަނޑަކަށް މާބަނޑު 50،000 އަންހެނުން އެބަތިބި ކަމަށް އދން ބުނެފިއެވެ. އަދި ކޮންމެ ދުވަހަކު 180އަށްވުރެ ގިނަ މާބަނޑު އަންހެނުން ޣައްޒާގައި ވިހާކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.
އދގެ ރެފިއިޖީންނާ ބެހޭ އިދާރާއިން ބުނީ ޣައްޒާގައި ތިބި މާބަނޑު އަންހެނުން ތެރެއިން ސިއްޚީ ޙާލަތު ދަށް މީހުންނަށް ސިއްޚީ ފަރުވާދޭ ހަތް މަރުކަޒެއްގައި ފަރުވާދެމުންދާ ކަމަށެވެ. އަދި ޞިއްޚީ ފަރުވާދޭ މީހުން އަންނަނީ އެ މީހުންނަށް ދެވޭނެ އެންމެ ރަގަޅު ޚިދުމަތް މާބަނޑު އަންހެނުންނަށް ދެމުން ކަމަށް އެ އިދާރާއިން ބުނެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވަނީ ޣައްޒާގެ ސިއްޚީ ނިޒާމު ރޫޅިފައި އޮތް ނަމަވެސް ސިއްޚީ ފަރުވާދޭ ފަންނީ ބޭފުޅުންނާއި އެ ނޫން ވެސް މީހުން އެ ޙާލަތުގައި ވެސް މެދުކެނޑުމެއްނެތި ޢާންމުންނަށް ފަރުވާ ދިނުމުގައި ދެމިތިބޭތީ އެ ކަމަށް ޝުކުރު އަދާކޮށްފައެވެ. ޣައްޒާގައި ސިއްޚީ ފަރުވާއަށް ބޭނުންވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވި ނަމަވެސް ފަލަސްޠީނުގެ ހަސްފަތާލުތަކުގައި ހުރީ އެންމެ 38 އިންސައްތަ އެނދު ކަމަށާއި ހަސްފަތާލުތަކުގައި މަސައްކަތްކުރަމުންދާ ސިއްޚީ ފަރުވާދޭ މުވައްޒަފުން 30 އިންސައްތަ ކަމަށް ޞިއްޙަތު ޖަމުޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
ޣައްޒާގައި ހުރި 36 ހަސްފަތާލުގެ ތެރެއިން ޚިދުމަތް ދެވެނީ އެންމެ 9 ހަސްފަތާލުންނެވެ. ޣައްޒާގެ އުތުރުގައި ޚިދުމަތްދެވޭ އެންމެ ހަސްފަތާލެއްވެސް ނެތެވެ. ހަނގުރާމަ ފެށި ފަހުން ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްފައިވާ ހަސްފަތާލުތަކަށް ޔަހޫދީން އަންނަނީ ޙަމަލާތައް ދެމުންނެވެ. ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ޣައްޒާގެ ސިއްޙީ ޚިދުމަތްދޭ 246 މަރުކަޒަކަށް ޔަހޫދީން ޙަމަލާ ދީފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެއެވެ. އޭގެ ތެރޭގައި ހަސްފަތާލުތަކާއި އެމްބިއުލާންސްތައް ވެސް ހިމެނެއެވެ.
ޣައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ހަނގުރާމައަށް 11 ހަފްތާ ތެރޭގައި މަދުވެގެން ފަލަސްޠީނުގެ 20،424 މީހުން ޔަހޫދީ ފައުޖުތަކުން ޙަމަލާތަކުގައި ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 50،000އަށްވުރެ ގިނަ މީހުން ވަނީ ޙަމަލާތަކުގައި ޒަޚަމްކޮށްލައިފައެވެ. ޙަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވެސް އެތައް ބަޔަކު އެބަތިއްބެވެ.