ޚަބަރު

ނަޖިސް ހޮޅިއަށް މައްސަލަ ދިމާވީ، ބަޔަކު ހޮޅި ފަޅާލުމުން- މުޢިއްޒު


ރަސްފަންނާ ދިމާއިން ނަޖިސް ހޮޅިއެއްގެ މައްސަލަ ދިމާވީ ބަޔަކު ޤަޞްދުގައި އެ ހޮޅި ފަޅާލުމުން ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ.

ނަޖިސް ހޮޅި ފަޅާލުމުން، ރަސްފަންނަށް މޫދަށް އެރުން މަނާކޮށްފައި އޮތުމަށްފަހު މިއަދުން ފެށިގެން ރަސްފަންނަށް މޫދަށް އެރެވޭގޮތަށް މިހާރު އެތަން ވަނީ ހުޅުއްވާލައްވާފައެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި، ރަސްފަންނަކީ އެތަނަށް މޫދަށް އެރޭ މީހުންނަށް ޞިއްޙީގޮތުން ރައްކާތެރިތަނަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވި، ހޮޅީގެ މައްސަލަ އެނގިވަޑައިގަތުމުން އެތަން ވަގުތުން ބަންދުކުރައްވައި، އެކަން ޙައްލުކުރެއްވުމުގެ މަސައްކަތް ފެއްޓެވިކަމަށެވެ. އަދި އެ މައްސަލަ ޙައްލުކުރެއްވުމަށްފަހު އެތަން ޢާންމުންނަށް ހުޅުއްވާލެއްވީ އެތާނގެ ލޮނުގަނޑުގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ކުރައްވަންޖެހޭ ތަޙްލީލްތައް ކުރެއްވުމަށްފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  ނަޖިސް ހޮޅީގެ މައްސަލައިގައި ރަސްފަންނަށް މޫދަށް އެރުން މަނާކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މިނިސްޓަރ ވިދާޅުވީ، ޢާންމުންގެ ލާބައާއި މަންފާއަށްޓަކަށް ތަރައްޤީ ހައްދަވާފައި ހުރި މައިޒާންތަކަށް ގެއްލުންދޭން ބައެއް ފަރާތްތަކުން މަސައްކަތްކުރާތީ އެކާމާ ހިތާމަ ކުރައްވާކަމަށެވެ.

މޫދަށް އެރޭނެ ބޮޑު ސަރަޙައްދަކާއެކު މާލޭ ހުޅަނގު ފަރާތުގައި ހައުސިންގ މިނިސްޓްރީ އާއި، އެމްއާރުޑީސީ އަދި އެމްޓީސީސީ ގުޅިގެން ތަރައްޤީ ކުރައްވާފައިވާ "ރަސްފަންނު" ރަސްމީކޮށް ހުޅުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.