ޚަބަރު

ހުއްޓުވަން އުޅުމުން މަޑުނުކޮށް ދިޔަ ކާރެއްގެ ތެރެެއިން 53 ފުޅި ބަނގުރާ


  • މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުުރުކުރި ކާރެއް

  • މި މައްސަލައާ ގުޅިގެން 56 އަހަރުގެ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައިވޭ

  • ދިވެހި މީހާ ތިންދުވަހަށް، ބިދޭސީ މީހާ 10 ދުވަހަށް ވަނީ ބަންދުކޮށްފައި

ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނާއި އެއާޕޯޓު ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުުރުކުރި ކާރެއް މަޑުކުރަން އެއަރޕޯޓު ޕޮލިހުން އެންގުމުން މަޑުނުކޮށް ދިއުމުން އެކާރު ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 1 ރީތިގަސްމަގުން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރި އިރު 53 ފުޅި ބަނގުރާ ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން 56 އަހަރުގެ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާ 3 ދުވަހަށް ބަންދުކުރުމަށް އަދި ބިދޭސީ މީހާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީގުކުރަމުންނެވެ.