ހ.އ އަތޮޅުކައުންސިލް މެދުވެރިކޮށް ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މިޚިދުމަތް ޤާއިމުކުރެވުމުން އަތޮޅު ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓް ޚިދުމަތަށް އެދި އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް އިމިގްރޭޝަނަށް ފޮނުއްވުމުން ޕާސްޕޯޓް ހެއްދެވުމަށްފަހު އަލުން ހއ.އަތޮޅު ކައުންސިލަށް ފޮނުވައިދެއްވާނެކަމަށެވެ. މިޚިދުމަތް ދެއްވުމަށް ހއ.އަތޮޅު ކައުންސިލުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެހުމުން ޚިދުމަތް ފެށިގެންދާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގެ ބައެއް އެހެން ކައުންސިލްތަކުންވެސް މި ޚިދުމަތް ފޯރުކޮށްދިނުމަށް އެދި ހުށައަޅަމުންދާކަމަށެވެ. އަދި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ޕޯސްޓް އޮފީސްތައް މެދުވެރިކޮށްވެސް މި ޚިދުމަތް ދެއްވުމަށް ވިސްނަމުން ގެންދަވާކަމަށް އިމިގްރޭޝަނުން ހާމަކުރައްވައެވެ.
ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ހއ. އަތޮޅު ކައުންސިލުން ވިދާޅުވީ ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ދަތުރުކުރެވޭނެ މަގުތަނަވަސްވެފައި އޮތުމުން ފަސޭހަކަމާއެކު ޕާސްޕޯޓް ހެދޭނެ އިންތިޒާމެއް ހަމަޖެހުމަކީ އެއަތޮޅުގެ ރައްޔިތުން ވަރަށްބޮޑަށް އެދޭ ކަމެއްކަމަށެވެ.