ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުން މި ވަނީ ފުރަތަމަ ފަހަރަށް ޤަރާރެއް ފާސް ކޮށްފައެވެ. ނަމަވެސް، އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިލަން ޤަރާރުގައި ގޮވައިލާފައެއް ނެތެވެ. އެ ކަމަށް ބާރު އަޅާފައެއް ވެސް ނެތެވެ. ޔަހޫދީން މި ވަނީ، މިއީ އެ މީހުންގެ ޢުދުވާން އިތުރަށް ފުޅާ ކުރުމަށް ލިބުނު ހުއްދައެއްގެ ގޮތުގައި ބަލައިގަނެފައެވެ. އދން މި ވަނީ އެ ކަމަށް ލައިސެންސް ދޫކޮށްފައި ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ.
ޔަހޫދީން ފައުޖުން މިހާރު މަސައްކަތް ކުރަމުން ދަނީ ޣައްޒާގެ އުތުރުގައިވާ ހުރިހާ ސަރަޙައްދެއްގެ އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔުމަށެވެ. ނަމަވެސް، ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތަކަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންދާ ޔަހޫދީންގެ ފައުޖާ، ޙަމާސް ޖަމާޢަތުގެ މުޖާހިދުން ދަނީ ހިތްވަރާ އެކު ކުރިމަތިލަމުންނެވެ. އަދި، އެ މީހުންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ.
ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ރައްޔިތުން ބުނީ ޔަހޫދީ ފައުޖުން އެ ތަނަށް ވަރުގަދަ ޙަމަލަތަކެއް ދެމުންދާ ކަމުގައެވެ. އެއީ، ދުނިޔޭގައި އޮންނަ އެންމެ ބޮޑު ރެފިއުޖީ ކޭމްޕެވެ. ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ޖަބާލިޔާ ކޭމްޕަށް ބޮން އަޅަމުންދާއިރު، ޔަހޫދީންގެ އަސްކަރީ ޓޭންކުފަހަރުން ވެސް ދަނީ އެ ތަނަށް ވަރުގަދަ ޙަމަލަތަކެއް އަމާޒު ކުރަމުންނެވެ.
ޙަމާސް ޖަމާޢަަތުން ބުނީ، ޖަބާލިޔާއަށް ޙަމަލަ ދެމުންދާ ޔަހޫދީންގެ ފައުޖާ ކުރިމަތިލަމުންދާ ކަމަށާއި، ޔަހޫދީންގެ ފަސް އަސްކަރީ ޓޭންކަށް ޙަމަލަދީ ނައްތައިލާފައިވާނެ ކަމުގައެވެ. މި ޙަމަލަތަކުގައި ޔަހޫދީ ސިފައިންގެ ގިނަ ޢަދަދެއްގެ ބަޔަކު މަރައިލާފައިވާނެ ކަމުގައި ވެސް ޙަމާސް ޖަމާޢަތުގެ ހަތިޔާރު އެޅި ގޮފި - ޢިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސުން ބުނެއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހަށް ފަހު ޔަހޫދީ ސިފައިންގެ 140 މީހުން މަރައިލާފައިވާ ކަމުގައި ރިޕޯޓުތައް ބުނި ނަމަވެސް، ޙަމާސް ޖަމާޢަތުން ބުނީ އެ ޢަދަދު އެއަށްވުރެ އިތުރުވާނެ ކަމުގައެވެ.
ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ތަފާތު ޙަމަލަތަކުގައި ފަލަސްޠީނުގެ 201 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަ ކުރެއެވެ. މިއާއެކު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 20,258 އަށް އަރާފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 52,000 އަށް އުފުލިފައެވެ.