ޚަބަރު

ހުޅުމާލޭގެ މަގުމަތީގައި ބަހައްޓާފައިހުރި ތަކެތި ނަގަނީ


ހުޅުމާލޭގެ މަގުމަތީގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާ ތަކެތި މިމަހުގެ 10 ކުރިން ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އިލްތިމާސްކުރައްވައިފިއެވެ.

މި މަހުގެ 10 ގެ ފަހުން މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި އެކޯޕަރޭޝަނުން ނަގަމުންގެންދާނެކަމަށާއި، އެފަދަ ތަކެއްޗަށް ލިބޭ ގެއްލުމަށް އެކޯޕަރޭޝަނުގެ ފަރާތުން ޒިންމާ ނުނަންގަވާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

ހުޅުމާލެއަކީ މީހުންނަށް ދިރިއުޅެން ފަސޭހަ ހިތްގައިމު ތަނަކަށް ހެދުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ދަނީ ގިނަމަސައްކަތްތަކެއް ކުރަމުންނެވެ. އަދި ހުޅުމާލެ އަކީ ސާފްތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްވެސް އެ ކޯޕަރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެޗްޑީސީން ވިދާޅުވީ މަގުމަތީގައި ޤަވާއިދާ ޚިލާފަށް ބަހައްޓާ ތަކެތި ނެގުމުގެ މަސައްކަތް ފަށާފައިވަނީ މަގުމަތީގައި ދުއްވާ އެއްޗިއްސާއި ދުވާރުމަތީގައި ހިގާމީހުންނަށް ދަތި ނުވާނެފަދަ ގޮތަކަށް ކަންކަން އިންތިޒާމް ކުރުމަށް ކަމަށެވެ. އެގޮތުން ހިނގާ މީހުނަށް ޚާއްސަ ކުރެވިފައިވާ ދުވާރު މަތީގައި ޤަވައިދާ ޚިލާފަށް ބައެއްފަރާތްތަކުން ތަކެތި ބަހައްޓަމުން ގެންދާކަން ފާހަގަ ކުރެވިފައިވާކަން އެޗް.ޑީސީން ފާހަގަކުރެއެވެ. އަދި މި ފަދަ ޢަމަލުތަކުގެ ސަބަބުން ހުޅުމާލޭގެ ރީތިކަން ގެއްލި، ދުވާރުމަތީގައި ހިނގާ ޖާގަ ގެއްލެމުންދާކަން އެކޯޕަރޭޝަނުން ފާހަގަ ކުރެއެވެ.

ހިގާމީހުންނާއި ދުއްވާ މީހުންގެ ރައްކާތެރިކަމަށްޓަކައި މި މަހުގެ 10 ގެ ކުރިން ދުވާރުމަތީގައި ހުންނަ ތަކެތި ނެގުމަށް އެކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވިދާޅުވީ ހުޅުމާލޭގެ މަގުމަތީގައި ތަކެތި ބަހައްޓާކަން ބޮޑަށް ފާހަގަވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ތަންތަނުގައިކަން ފާހަގަ ކުރެވޭކަމަށެވެ. ހުޅުމާލެއަކީ ހިތްފަސޭހަ ރައްކާތެރި ތަނެއްގެ ގޮތުގައި ބެހެއްޓުމުގެ މަޤުޞަދުގައި ހުޅުމާލެއިން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ހިމެނޭ ސަރަޙައްދުތަކުގެ ދުވާރު މަރާމާތު ކުރުމުގެ މަސައްކަތް މި އޭޕްރިލް މަހުން ފެށިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.