ޚަބަރު

ޤާނޫނުތަކަށް އިސްލާޙު ގެންނަނީ ވަކި ބަޔަކަށް އަމާޒުކޮށް- އަދާލަތު


ރައްޔިތުންގެ މަޖިލީހުން ވަކިފަރުދަކަށް ނުވަތަ ޝަޚްސަކަށް އަމާޒުކުރައްވައިގެން ޤާނޫނަށް ބަދަލު ގެންނަވަމުންދާކަމަށް ތުހުމަތުކުރައްވައި އަދާލަތުޕާޓީން އެކަން ކުއްވެރިކުރައްވައިފިއެވެ.

މިއަދު އަދާލަތު ޕާޓީން ނެރުއްވައިފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް ބައެއް ޤާނޫނުތަކަށް ބަދަލު ގެންނަވާފައިވަނީ ވަކި ޝަޚްސަކަށް އަމާޒުކޮށްގެންކަމަށް އެޕާޓީން ޤަބޫލުކުރައްވާކަމަށެވެ. އެގޮތުން އޮޑިޓް ޤާނޫނަށް ގެންނެވި އިސްލާޙާއި، ޤާނޫނު އަސާސީއަށް ފުރަތަމަ އިސްލާޙް ގެނައުމުގެ ޤާނޫނާއި، ކޯޓްތަކާބެހޭ ޤާނޫނަށް ގެންނެވި އިސްލާޙަކީ ވަކި ޝަޚްސަކަށް އަމާޒުކޮށްގެން ގެންނަވައިފައިވާ އިސްލާޙްތަކެއްކަން އަދާލަތު ޕާޓީން ވަނީ ތުހުމަތު ކުރައްވައިފައެވެ. އެގޮތަށް ޤާނޫނު ހަދާ މަޖިލީހުން ޢަމަލުކުރެއްވުމަކީ މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމަށް އޮތް ނުރައްކަލެއްކަމަށް އަދާލަތު ޕާޓީން ސިފަކުރައްވައިފައިވެއެވެ.

އަދި ވަކި ފަރުދަކަށް އަމާޒުކޮށްގެން ޤާނޫނު ފަރުމާކުރުން ކުށްވެރިކޮށް، ޤާނޫނު އަސާސީއަށާއި ދިވެހި ރާޢްޖޭގެ ދުސްތޫރީ ނިޒާމަށް އިޙްތިރާމް ކުރެއްވުމަށް މަޖިލިސް މެންބަރުންނަށް އަދާލަތު ޕާޓީން ގޮވާލައްވައިފައިވެއެވެ. ސަރުކާރަށް ތާޢީދުކުރާ މެންބަރުންގެ އަޣުލަބިއްޔަތު ހިމެނޭ ރައްޔިތުންގެ މަޖިލީހުން ވަކި ފަރުދަކަށް އަމާޒުކޮށްގެން ޤާނޫނަށް ބަދަލުގެންނަވާކަމަށް ކުރިންވެސް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތު ކުރައްވާފައިވެއެވެ.

އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، ޕީޕީއެމުން ވަނީ މިކަން ދޮގު ކުރައްވައިފައެވެ. ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ވިދާޅުވެފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނަށް ގެންނަވާ އިސްލާޙްތަކަކީ މުޅި ދައުލަތުގެ ހެވާއި ލާބަޔަށް ގެންނަވާ އިސްލާޙްތައްކަމަށެވެ. އަދި ވަކި ފަރުދަކަށް ނުވަތަ ޝަޚްސަކަށް ޢަމާޒުކޮށްގެން ޤާނޫނަށް ނުވަތަ ޤާނޫނު އަސާސީއަށް އިސްލާޙް ހުށައަޅުއްވައި، އެއަށް ތާޢީދުކޮށްފައި ނުވާނެކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ވިދާޅުވެފައެވެ.