ޚަބަރު

ރިޟްވާންގެ މައްސަލާގައި ހައްޔަރުކުރީ ކުރިން ހައްޔަރުނުކުރާ ބައެއް


ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބުދުﷲ ގެއްލުނު މައްސަލައިގައި އިއްޔެ ހައްޔަރުކުރައްވާފައިވަނީ މީގެ ކުރިން އެ މައްސަލާގައި ހައްޔަރުކޮށްފައި ނުވާ ބައެއްކަން ޕީއެސްއެމް ނިއުސްއަށް އެނގިއްޖެއެވެ.

2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ އަހުމަދު ރިޟްވާންގެ މައްސަލާގައި ފުލުހުން އިއްޔެ ދެ ފިރިހެނަކު ހައްޔަރުކުރައްވާފައިވެއެވެ. ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރެއްވި މި ދެމީހުންނަކީ އުމުރުން 29 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. މީގެތެރެއިން އެކަކު ހުޅުމާލެއިން ހައްޔަރުކުރައްވާފައިވާއިރު އަނެކަކު ހައްޔަރުކުރައްވާފައިވަނީ މާލެއިން ކަމަށް ފުލުހުން ވިދާޅުވެއެވެ.

ވީ ނުވީއެއް ނޭގި ރިޟްވާން ގެއްލުނު މައްސަލާގައި މީގެ ކުރިންވެސް 5 މީހަކު ހައްޔަރުކުރެއްވިކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންމަވެސް އެކަށީގެންވާވަރުގެ ހެކިނެތުމުން އެ އެންމެންވެސް ކޯޓުން ދޫކޮށްލެއްވީކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭރު ހައްރުކުރެއްވި މީހުންގެ ތެރެއިން އެކަކު ރާއްޖެއިން ބޭރަށް ގޮސްފައިވާއިރު އެ މީހަކީ ރިޟްވާން ގެއްލުނު ރޭ އެނާއަށް ފާރަލުމުގައި އިސްކޮށް ޙަރަކާތްތެރިވި މީހާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

އަޙްމަދު ރިޟްވާނު ޢަބްދުﷲ ގެއްލުމަކީ ބަޔަކު ދުރާލައި ރާވާއިގެން ހިންގި އަމަލެއްކަން ތަޙްޤީޤަށް އެނގިވަޑައިގެންފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ރިޟްވާނަށް ދެމީހަކު ފަރާލައި އެނާގެ ހުރިހާ ޙަރަކާތްތަކެއް ބަލަމުން މާލޭގެ މަގުތަކުގައި ދުއްވާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ރިޟްވާނަށް ފާރަލީ ކުޑަ ހެންވޭރަށް ނިސްބަތްވާ ބައެއްކަމަށާއި އެކަމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވީ ސ. ހުޅުދޫ އަތިރިއާގޭ މުޙައްމަދު ސުއައިދު ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ރިޟްވާން ގެންދިޔަކަމަށް ބުނާ ކާރުގެ ތެރެއިން ފެނުނު އިސްތަށީގެ ޑިއެންއޭއާއި ރިޟްވާންގެ މަންމަގެ ޑީއެންއާ ދިމާވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.